23 Feb 2015, 12:41
ސްޕެނިޝް ލީގުގައި ރޭ އެލްޗޭ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ލީގު ތާވަލްގައި ރެއާލް ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.
ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ރެއާލް މިހާރު ވަނީ ލީގުގައި މުޅިއަކު 60 ޕޮއިންޓު ހޯދާފަ އެވެ. އަދި އެ ޓީމާ އެންމެ ގާތުން ވާދަކުރާ ބާސެލޯނާ 56 ޕޮއިންޓާ އެކު ތާވަލްގެ ދެވަނައިގައި އޮތްއިރު، އެ ޓީމަށް ކުރިއެރުން ލިބިފައި ނުވަނީ އެންމެ ފަހުން ލީގުގައި އެ ޓީމް ކުޅުނ މެޗުން ބަލިވުމުންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުންކުރެ އެއް ޓީމަށް ވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ނަމަވެސް މެޗު ރަނގަޅު ފޯމެއްގައި ފެށި ރެއާލް ވަނީ ފަސްވަނަ މިނެޓުގައި އެލްޗޭގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފަ އެވެ. ނަމަވެސް ބެންޒެމާ ދިން ޕާހަކުން ރޮނާލްޑޯ ފޮނުވާލި ޝޮޓު އަމާޒުވީ އެލްޗޭގެ ގޯލް ދަނޑިއަށެވެ.
ފުރަތަމަ ހާފްގެ ކުރީކޮޅު ގޭމް ޑޮމިނޭޓް ކުރަމުން ދިޔައީ ރެއާލް އެވެ. އަދި އެ ވަގުތުކޮޅު އެލްޗޭގެ ގިނަ ކުޅުންތެރިން ފެނިގެން ދިޔައީ ފަހަތަށް ޖެހިލާ، ރެއާލްގެ އަވަސް ހަމަލާތައް ހިފައްޓާލަން މަސައްކަތް ކުރި ތަނެވެ. އެލްޗޭއަށް ރެއާލްގެ ގޯލާ ހަމައަށް ދެވުނީ މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމް އުފައްދަން މަސައްކަތް ކުރި ހަމަލާއެއްގަ އެވެ.
މެޗުގެ ފުރަތަމަ ވަގުތުކޮޅު ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ ރެއާލްއަށް ލަނޑެއް ކާމިޔާބު ކުކުރެވި ގިނައިރު ވުމުން އެލްޗޭ ވަނީ ޓީމް ހަމައަކަށް އަޅުވާ ކުރިއަށް ޖެހިލަން ފަށާފަ އެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅު އެ ޓީމް ވެސް ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައިވާ އިރު، އެ ޓީމަށް ވަނީ ރެއާލްގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވޭ ގޮތް ނުވެފަ އެވެ.
ރެއާލްއަށް މެޗުގައި ހިތްވަރު ލިބިގެން ދިޔައީ 41 ވަނަ މިނެޓުގައި ބޭލް ނަގައިދިން ބޯޅަ ބެންޒެމާ އެލްޗޭގެ ގޯލްތެރެއަށް ފޮނުވާލުމުން ނެވެ. ނަމަވެސް މެޗުގެ އޮފިޝަލުން އެ ލަނޑު ކަނޑައެޅީ އޮފްސައިޑް ލަނޑެއްގެ ގޮތުގަ އެވެ. ރެއާލްއަށް މެޗުގެ ލީޑު ނެގޭވަރުވީ މެޗުގެ 56 ވަނަ މިނެޓުގައެވެ. ރޮނާލްޑޯ ހެދި ޝޮޓެއްގެ ރީބައުންޑުގެ ބޭނުންކޮށް، އެ ލަނޑު ރެއާލްއަށް ކާމިޔާބު ކޮށްދިނީ ބެންޒެމާ އެވެ.
ދެވަނަ ހާފްގައި ވެސް މެޗު ކޮންޓްރޯލް ކުރަމުން ދިޔަ ރެއާލް އިތުރަށް ލީޑު ފުޅާކޮށްލީ 69 ވަނަ މިނެޓުގަ އެވެ. އިސްކޯ ނަގައިދިން ހުރަސް ބޮލުން ޖަހާ ގޯލްގެ ތެރެއަށް ފޮނުވާލައިން ރެއާލްއަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ރޮނާލްޑޯ އެވެ.
ރެއާލް ދެ ލަނޑުގެ ލީޑެއް ހޯދުމުން އެލްޗޭ ނަތީޖާ ހަމަހަމަކުރަން މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް ވަނީ އެ ހާފްގައި މާ ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތް ނުވެފަ އެވެ. އަދި އަމިއްލަ ދަނޑުގައި މެޗު ކުޅެމުން ދިޔަ އެލްޗޭ މެޗު ނިންމާލަން ޖެހުނީ ރެއާލްގެ އަތް ދަށުވެގެނެވެ.