23 Feb 2015, 12:29
މިސަރުކާރު ކުރިއަށް ދަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މަޝްވަރާގެ މަތިން ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް މައުމޫންގެ ބާރެއް ޕީޕީއެމްއަކު ވެސް އަދި ސަރުކާރަކު ވެސް ނެތް ކަމަށް ޕީޕީއެމް ދޫކޮށްދާ ކަމަށް އަޑުފެތުރިފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ރޭ ވިދާޅުވެފައިވާ އިރު އެކަމަށް ރައްދު ދެއްވައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ ރައީސް މައުމޫން ބޭނުންފުޅުވި ކޮންމެ ވަގުތެއް ސަރުކާރުން އެމަނިކުފާނަށް ދެއްވަމުން އަންނަ ކަމަށާއި މިސަރުކާރު ކުރިއަށް ދަނީ ރައީސް މައުމޫންގެ މަޝްވަރާގެ މަތިން ކަމަށެވެ.
"ރައީސް މައުމޫންގެ ތަޖުރިބާޔާއި ހިކުމަތު އަމަލީ އާއި ބޭނުންތެރިކަން މިސަރުކާރަށް ވަރަށް ބޮޑު، އެބޭފުޅާގެ ތަޖުރިބާ މިސަރުކާރަށް ވަރަށް ވެސް ބޮޑު، އެހެންކަމުން ތަޖުރިބާއާއި އިރުޝާދުގެ އަލީގައި މިސަރުކާރު ކުރިއަށް މިދަނީ،" މުއާޒު ވިދާޅުވި އެވެ.
ދައުލަތުގެ ތިންބާރު ރައީސް ޔާމީންގެ "މުށުތެރޭގައި" އޮތް ކަމަށް މަހުލޫފް ވިދާޅުވެފައިވާ އިރު ރައްދުދެއްވައި މުއާޒު ވިދާޅުވީ މިސަރުކާރު ކުރިއަށްދަނީ ތިންބާރު މުށުތެރެއަށް ލައިގެން ނޫންކަން މަހުލޫފްއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ސަރުކާރު ހިނގަމުން ދަނީ ތިން ބާރު ވަކިވުމުގެ ތެރެއިން ކަމަށާއި ވެރިކަން ކުރުމުގެ ބާރު ނާޖާއިޒް ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތުތައް އެއްވެސް ޕާޓީއަކަށް ވެސް އަދި މަޖިލިސް މެމްބަރަކަށް ވެއްސް މިސަރުކާރުން ނުދެއްވާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.
"ތިންބާރު މުށުތެރެއަށް ލައިގެން އޮތްކަމަށް އެދައްކަވާ ވާހަކަ ފުޅަކީ ކަނޑައެޅިގެން ދިވެހި ރައްޔިތުންނަށް އޮޅުވާލެއްވުމުގެ މަގުސަދުގައި، ދަނޑިވަޅުގެ ބޭނުން ކުރެއްވުމުގެ މަގުސަދުގައި ދައްކަވާ ވާހަކަ ފުޅެއްގެ ގޮތުގައި މި ބެލެވެނީ،" މުއާޒު ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ މިސަރުކާރުން މަހުލޫފް އަށް ހާއްސަ އިސްކަމެއް ދެއްވާފައިވާ ކަމަށެވެ. އެގޮތުން އެތައް މެމްބަރުންނެއް ދިއުމަށް އެދިއެދިތިބި ނިއުޔޯކުގެ ދަތުރަކަށް ފޮރިން މިނިސްޓުރީގެ ބޭފުޅުންނާ އެކު މަހުލޫފް ބައިވެރިކުރައްވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ހަމައެހެންމެ މަހުލޫފް ކެމްޕެއިންގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އަމިއްލަ ހައިސިއްޔިތުން ބައިވެރިވެ އެކިއެކި ގޮތްގޮތުން އެހީތެރިކަން ވެދެއްވާފައިވާނެ ކަމަށާއި އަދި އެކި ފަހަރު މަތިން ބައްދަލު ކުރައްވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ކޮންމެ ޑިމާންޑަކަށް ފުރުސަތު ނުދެވޭނެ ކަމަށް މުއާޒު ވިދާޅުވި އެވެ.
"ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރަކަށް ރައްޔިތުންގެ މެދުގައި މާބޮޑެތި ތާތުކުރުންތަކެއް ހުރުމަށް ޑިމާންޑުކޮށްފި ނަމަ، ތިމަންނައަށް އެހެން ހަދައިދޭންވާނޭ، މިހެން ހަދައިދޭން ވާނޭ، މިކަހަލަ ކަންކަން ރައީސުލްޖުމްހޫރިއްޔާއަކަށް ނުކުރެއްވޭނެ ދެއްތޯ." މުއާޒު ވިދާޅުވި އެވެ.
މަހުލޫފް ރޭ ވިދާޅުވީ ޕީޕީއެމް ތެރެއިން އޭނާ ހުރީ ބާކީކޮށްފައި ކަމަށާއި އެގޮތުން ޖަލްސާތަކުން ފުރުސަތު ދެނީ ހަތަރު ވަނަ ގޮނޑިބަރިން ކަމަށެވެ. އޭނާއާ ދޭތެރޭ ކަންކަން ކޮށްފައި ހުރި ގޮތުން "ވަރަށް އަސަރުކޮށްފި" ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. އެގޮތުން ރައީސް ޔާމީން އޭނާއާ ގާތްގުޅުމެއް ނުބާއްވާއިރު ޕީޕީއެމްގެ ޖަލްސާތަކުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ވޭތުވެ ދިޔަ 14 މަސް ތެރޭގައި ދީފައިނުވާ ކަމަށް ވިދާޅުވި އެވެ.