23 Feb 2015, 12:26
ހަތް ފިލްމަކާ ވާދަކޮށް އޮސްކާގެ އެންމެ މޮޅު ފިލްމުގެ އެވޯޑް، ބްލެކް ކޮމެޑީ ޑްރާމާ ފިލްމް ބާޑްމޭން ހޯދައިފި އެވެ.
ލޮސް އެންޖެލިސްގައި މިއަދު ނިމިގެންދިޔަ 87 ވަނަ އެކަޑަމީ އެވޯޑްސް ނުވަތަ އޮސްކާއަށް ނުވަ ދާއިރާއަކުން ނޮމިނޭޓްވި "ބާޑްމޭން" އަށް އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބިފައިވާ އިރު، އެ ފިލްމް ވަނީ އިތުރު ތިން އެވޯޑެއް ހޯދާފަ އެވެ.
އެގޮތުން، އަލެހާންދުރޯ އިނަރިޓޫ އަށް ލިބުނު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑުގެ އިތުރުން އޮރިޖިނަލް ސްކްރީންޕްލޭ އާއި އެންމެ މޮޅު ސިނަމޮޓަގްރަފީ އެވޯޑް ވެސް އެ ފިލްމް ވަނީ ހޯދާފަ އެވެ.
އޮސްކާގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް "ދަ ތިއަރީ އޮފް އެވްރީތިން" އިން އެޑީ ރެޑްމޭން ހޯދި އިރު، އެންމެ މޮޅު އަންހެން އެކްޓަރަކަށް ހޮވިފައި ވަނީ "ސްޓިލް އެލިސް" ގެ ތަރި ޖޫލިއަން މޯ އެވެ.
ބާޑްމޭން އާއެކު ނުވަ ދާއިރާއަކުން އޮސްކާއަށް ނޮމިނޭޓްވި ކޮމެޑީ ފިލްމް "ދަ ގްރޭންޑް ބުދަޕެސްޓް ހޮޓެލް" ވެސް ވަނީ އޮސްކާގެ ހަތަރު އެވޯޑެއް ހޯދާފަ އެވެ.
އެގޮތުން، ކޮސްޓިއުމް ޑިސައިންނާއި މޭކްއަޕް އެންޑް ހެއާ ސްޓައިލިންގެ އިތުރުން މިއުޒިކް އޮރިޖިނަލް ސްކޯ އަދި ޕްރޮޑަކްޝަން ޑިސައިންގެ އެވޯޑް އެ ފިލްމް ހޯދާފައިވެ އެވެ.
އެ ދެ ފިލްމުގެ ފަހަތުން ދެން އެންމެ ގިނަ އެވޯޑް ހޯދާފައި ވަނީ، މިދިޔަ އަހަރު ނެރުނު ފިލްމް "ވިޕްލޭޝް" އެވެ. އެ ފިލްމުން ތިން އެވޯޑެއް ހޯދާފައިވާއިރު، އޭގެ ތެރޭގައި ސިމޮންސް އަށް ލިބުނު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑާއި އެންމެ މޮޅު ފިލްމް އެޑިޓިން އަދި ސައުންޑް މިކްސިން އެވޯޑް ހިމެނެ އެވެ.
މިފަހަރުގެ އޮސްކާގައި އެންމެ ނާކާމިޔާބު ފިލްމްތަކަކީ ހަ ދާއިރާއަކުން އޮސްކާއަށް ނިމިނޭޓްވެ އެންމެ އެވޯޑެއް ހޯދާފައި ވަނީ "އެމްރިކަން ސްނައިޕާ" އާއި "ބޯއީހުޑް" އަދި އަށް ދާއިރާއަކުން އޮސްކާއަށް ނޮމިނޭޓްވެ، އެންމެ އެވޯޑެއް ލިބުނު، "ދަ އިމިޓޭޝަން ގޭމް" އެވެ.
އެގޮތުން، ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެމެރިކަން ސްނައިޕާއަށް އެންމެ މޮޅު ސައުންޑް އެޑިޓިން އެވޯޑް ލިބިފައިވާ އިރު، ބޯއީހުޑަށް ލިބިފައި ވަނީ ސަޕޯޓިން ރޯލުން އެންމެ މޮޅު އަންހެން އެކްޓަރުކަން ލިބުނު ޕްޓްރިސިއާ އާކިއޭޓް އަށެވެ. އަދި "ދަ އިމިޓޭޝަން ގޭމް" އަށް ލިބުނު ހަމައެކަނި އެވޯޑަކީ އެޑެޕްޓެޑް ސްކްރީން ޕްލޭ އެވޯޑެވެ.
އެންމެ މޮޅު އެނިމޭޓެޑް ފީޗާޑް ފިލްމުގެ އެވޯޑް ހޯދާފައިވަނީ "ބިގް ހީރޯ 6" އެވެ. އަދި އެނިމޭޓެޑް ކުރު ފިލްމުގެ އެވޯޑް ހޯދީ "ފީސްޓް" އަށެވެ.
އެންމެ މޮޅު ޑޮކިއުމެންޓްރީ ފީޗާޑް ފިލްމުގެ އެވޯޑް "ސިޓިޒަންފޯ" ހޯދިއިރު، ޑޮކިއުމެންޓްރީ ކުރު ފިލްމުގެ އެވޯޑް ހޯދާފައި ވަނީ "ކްރައިސިސް ހޮޓްލައިން: ވެޓެރަންސް ޕްރެސް 1" އެވެ.
އެންމެ މޮޅު ކުރު ފިލްމުގެ އެވޯޑް ހޯދާފައި ވަނީ، 2013 ވަނަ އަހަރު ނެރެފައިވާ އިނގިރޭސި ވިލާތުގެ ފިލްމެއް ކަމަށްވާ "ދަ ފޯން ކޯލް" އެވެ.
ބޭރު ބަހަކުން އޮތް ފިލްމުގެ އެވޯޑް ލިބިފައި ވަނީ ޔޫރަޕިއަން ފިލްމް އެކަޑަމީން މިދިޔަ އަހަރު ހޮވި އެންމެ މޮޅު ފިލްމުގެ އެވޯޑުގެ އިތުރުން ބަފްތާ އެވޯޑްގައި އިނގިރޭސި ބަސް ނޫން ބަހަކުން ހަދާފައި އޮތް އެންމެ މޮޅު ފިލްމުގެ އެވޯޑް ހޯދާފައިވާ ޕޮލޭންޑުގެ ޑްރާމާ ފިލްމެއް ކަމަށްވާ، "އިޑާ" އެވެ.
މިފަހަރުގެ އޮސްކާގައި 24 ދާއިރާއަކުން 60 ފިލްމެއް ވާދަކޮށްފައިވެ އެވެ.