23 Feb 2015, 12:23
ދ. ހުޅުދެލީގައި ސައިކަލެއްގައި ރޯކޮށްލައި ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފި އެވެ.
ހުޅުދެލީ ކައުންސިލުގެ ޒިންމާދާރު ވެރިޔާ މުހައްމަދު އަބްދުލް ބާރީ 'ސަން' އަށް މިއަދު ވިދާޅުވީ ހުޅުދެލީ ދެކުނު ފަރާތު އަތިރިމަތީގައި ސައިކަލެއް ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިގެން މިއަދު އެތަނަށް ގޮސް ބެލި އިރު، ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައިވާ ކަމަށެވެ. ސައިކަލު އަންދާލާފައި ހުރި ހިސާބަށް ބަލާއިރު، ފިތާއެއް ބާއްވައި ދުރުން ޕެޓްރޯލު އަޅައިގެން ރޯކޮށްލާފައިވާ ކަން ފާހަގަކުރެވޭ ކަމަށް ބާރީ ވިދާޅުވި އެވެ. ސައިކަލު އަންދާލާފައި ވަނީ މީހުން ދިރިއުޅޭ ހިސާބާ ވަރަށް ދުރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބާރީ ވިދާޅުވީ ސައިކަލު އަންދާލި މައްސަލާގައި ޝައްކު ކުރެވޭ އެއްވެސް ފަރާތެއް ނެތްކަމަށާއި ސައިކަލުގެ ވެރިޔާއަށް ވެސް އެއްވެސް ކަހަލަ އިންޒާރުގެ މެސެޖެއް އައިސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ހުޅުދެލީގައި އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި މިހާރު އެމައްސަލަ ފުލުހުންނަށް ހުށައަޅާފައިވާނެ ކަމަށް ބާރީ ވަނީ ވިދާޅުވެފަ އެވެ.
ފުލުހުން ބުނީ މިއަދު 9:15 އެހާކަންހާއިރު ހުޅުދެލީ އުތުރުފަރާތު ބުމެއްގައި ސައިކަލެއް އަންދާލައިގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި މިހާރު އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ.