ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ޗެއާމަންއަކަށް މުހައްމަދު ނަދީމް އިންތިހާބުކޮށްފި އެވެ.

ނަދީމް އެ މަގާމަށް އިންތިހާބުވީ ކެރަމް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ ހޮވުމަށް އިއްޔެ ހެންވޭރު ބޯޅަ ގޭގައި ބޭއްވި އިންތިހާބުގައި ވޯޓުލީ ކެރަމް އެސޯސިއޭޝަންގެ ނުވަ މެންބަރުންގެ އިއްތިފާގުންނެވެ. އެ މަގާމަށް ނަދީމްއާ ވާދަކޮށްފައި ވަނީ ކެރަމް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހުމަދު މުބީން އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ކެރަމް އެސޯސިއޭޝަންގެ ވައިސް ޗެއާމަނަކަށް ހޮވިފައި ވަނީ އަލީ މާހިރު އެވެ. މާހިރު ވެސް އެ މަގާމަށް ހޮވުނީ ވޯޓުލީ ނުވަ މެންބަރުންގެ އިއްތިފާގުންނެވެ. އެ މަގާމަށް ދެން ކުރިމަތިލީ ފަރާތަކީ އިބްރާހިމް މޫސާ އެވެ.

ޗެއާމަން އާއި ވައިސް ޗެއާމަންގެ އިތުރުން އިއްޔެގެ އިންތިހާބުގައި ވަނީ ކެރަމް އެސޯސިއޭޝަންގެ ހަޒާންދާރާއި ތިން ހިންގާ ކޮމިޓީގެ ތިން މެންބަރުން ވެސް ހޮވާފައެވެ. ކެރަމް އެސޯސިއޭޝަންގެ ހަޒާންދާރަށް ހޮވުނީ ހުސެއިން ރަޝީދު އެވެ. އަދި އާންމު ތިން މެންބަރުންނަށް ހޮވުނީ ހަސަން އިސްމާއިލް އާއި އިސްމާއިލް ސަލީމް އަދި އަހުމަދު އާޒިމް އެވެ.

ޗެއާމަން އާއި ވައިސް ޗެއާމަންގެ މަގާމަށް އަދަދު ހަމަވާ ވަރަށް ކެނޑިޑޭޓުން ކުރިމަތިލާފައި ވުމުން، އެ މަގާމަށް ބޭފުޅުން ހޮވުމަށް ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. ހަޒާންދާރުގެ މަގާމަށް ރަޝީދު ހޮވުނީ ވޯޓުލީ ނުވަ މެންބަރުންގެ އިއްތިފާގުންނެވެ. އަދި ހަސަން އިސްމާއިލް އާއި އިސްމާއިލް ސަލީމްއަށް ވެސް ނުވަ ވޯޓު ލިބުނު އިރު، އަހުމަދު އާޒިމްއަށް ލިބުނީ އަށް ވޯޓެވެ.

ކެރަމް އެސޯސިއޭޝަންގެ އިންތިހާބު އިންތިޒާމްކޮށް ކުރިއަށް ގެންދިޔައީ އައިސީއެފްއިން އެ އެސޯސިއޭޝަން ހިނަގުމަށް ހަވާލުކުރި އިންޓެރިމް ކޮމިޓީންނެވެ. އައިސީއެފްއިން ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އުވާލާ، އެ އެސޯސިއޭޝަން ހިންގުމަށް އިންޓެރިމް ކޮމިޓީއާކާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެވެ.