އިންޑިއާއާއި އިސްރާއީލް ގުޅިގެން ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކެއް ހިންގަން އެދެ ގައުމުން އެއްބަސްވެއްޖެ އެވެ.

ޗައިނާ ސަރުކާރުގެ ޒިންހުއާ ނިއުސް އެޖެންސީ އިން ބުނީ ސަލާމަތީ ޓެކްނޮލޮޖީގެ ގިނަ މަޝްރޫއުތަކަކާއި ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކެއް ހިންގަން އިންޑިއާއާއި އިސްރާއީލުން އެއްބަސްވިކަން އިއްޔެ ހާމަ ކުރީ އިންޑިއާއަށް ގޮސް އުޅޭ އިސްރާއީލުގެ ޑިފެންސް މިނިސްޓަރު މޯޝޭ ޔައަލޮން ކަމަށެވެ. ހަތަރު ދުވަހުގެ ދަތުރެއްގައި އިންޑިއާއަށް ގޮސް ހުރި ޔައަލޮން ބުނެފައި ވަނީ ދެގައުމު ގުޅިގެން "ބަރަކް 8 މިސައިލް ޑިފެންސް ސިސްޓަމް"ގެ ނަމުގައި މިސައިލް ޑިފެންސް ސިސްޓަމެއް ތަރައްގީ ކުރުމަށާއި ވައިގެ ދިފާއީ އެހެން ސިސްޓަމެއް ތަރައްގީ ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން ޔައަލޮންއާ ހަވާލާދީ ބުނީ އިންޑިއާއާއި އިސްރާއީލާއި ދެމެދު އޮތް ގުޅުން ކުރިން ސިއްރުކޮށްފައި އޮތީ އިންޑިއާއިން އެގޮތް ބޭނުންވެގެން ކަމަށެވެ. އަދި އޭނާގެ މިފަހަރުގެ ދަތުރަކީ އެގުޅުން ފާޅުކުރުމަށް ދެގައުމުން މިހާރު ރުހޭ ކަމުގެ ހެއްކެއް ކަމަށެވެ.

ޔައަލޮންގެ ދަތުރަކީ 1992 ވަނަ އަހަރު އިންޑިއާއާއި އިސްރާއީލާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމްކުރި ފަހުން އިސްރާއީލުގެ ޑިފެންސް މިނިސްޓަރަކު އިންޑިއާއަށް ކުރި ފުރަތަމަ ރަސްމީ ދަތުރެވެ.

ޒިންހުއާ ނިއުސްގެ ހަބަރުގައި ބުނެފައި ވަނީ އިސްރާއީލުން އެންމެ ގިނަ ހަތިޔާރު ގަންނަ ގައުމަކީ އިންޑިއާ ކަމަށެވެ.