23 Feb 2015, 12:03
ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުމުން ފެށި މުޒާހަރާތައް ރޭ ރޫޅާލުމާ ހަމައަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ 13 މީހުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ދިރިއުޅުއްވާ ގޭ ކައިރިއަށް އެއްވި މީހުންގެ ތެރެއިންނާއި ރޭ މާލޭގެ އެކިއެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަމުން ގެންދިޔަ މީހުންގެ ތެރެއިން 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 7 މީހުންގެ ތެރެއިން 18 އަހަރު ނުފުރޭ ކުޑަކުއްޖަަކާ އަންހެނަކު ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
މީގެ އިތުރުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން ޖުމްލަ 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭގެތެރެއިން ވެސް 18 އަހަރު ނުފުރޭ ކުޑަކުއްޖަކާ އަންހެނަކު ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
"އިއްޔެ އާއި ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި މިހާރު ތިބީ 13 ފިރިހެނުން،" އޮފިޝަލް ވިދާޅުވި އެވެ.
އެމްޑީޕީ-ޖޭޕީ އިން މާލޭގައި އިއްޔެ ހަވީރުން ފެށިގެން ރެ އާ ހަމައަށް ކުރިއަށް ގެންދިޔަ މުޒާހަރާގައި އާއްމުންގެ މީހަކަށާއި ފުލުހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ. އަދި މުޒާހަރާގައި ހިނގި ހަމަ ނުޖެހުމެއްގެ ތެރޭގައި އަލިކިލޭގެފާނު މަގު ލައިޓް ކަންމަތީގަައި ހުރި "ނިއުލައިން" ފިހާރައިގެ ބިއްލޫރި ގަނޑު ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.
މާލޭގައި ކުރިއަށްގެންދާ އެއްވުންތަކާއި މުޒާހަރާތައް، ސުލްޙަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި އާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި ޚިލާފު ނުވާނެ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.