23 Feb 2015, 11:35
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެޕާޓުމަންޓުން ހަތިޔާރު ފެނުނު މައްސަލާގައި އޭނާގެ އަންހެނުންގެ މައްޗަށް އަންނަ ބުދަ ދުވަހު ޝަރީއަތް ފެށުމަށް ނިންމައިފި އެވެ.
ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދަށް މިހާރު ވަނީ ޗިޓް ފޮނުވާފަ އެވެ. އެ ޗިޓުގައި ބުނެފައި ވަނީ ދައުލަތުން ކުރާ ދައުވާއެއް ކަމަށްވާ، ހަނގުރާމަ ހަތިޔާރު ގެންގުޅުމުގެ ކުށުގެ މައްސަލާގައި ކޯޓަށް ހާޒިރުވުމަށެވެ. އެ ޗިޓްގައި ބުނެފައި ވަނީ އަންނަ ބުދަ ދުވަހު 4:00 އަށް ކޯޓަށް ހާޒިރުވުމަށެވެ.
މީގެ ކުރިން ވަނީ ނާޒިމާއި އޭނާގެ އަނބިކަނބަލުންގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފަ އެވެ.
ރާއްޖެ އަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި ވަނީ އެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރާއި ދެވަނަ ނަންބަރާއި ތިން ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެއްޗެއް އެ ގާނޫނާ ޚިލާފުވާ ގޮތަކަށް އަތުގައި ބަހައްޓައި، ގެންގުޅެ، ދީ، ނުވަތަ ވިއްކައިފި މީހެއްގެ އަދަބަކީ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭބަންދު ކުރުން ކަމަށެވެ.
ދިޓީވީގެ ގޯޅިތެރޭގައި ހުންނަ ނާޒިމް ދިރިއުޅުއްވާ ގެއަށް މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވެ 3:30 އެހާކަންހާއިރު ކޯޓު އަމުރެއްގެދަށުން ވަދެ ނާޒިމް ދިރިއުޅުއްވާ އެ ޕާޓްމަންޓް ފާސްކުރި އިރު ފިސްތޯލައެއް ނެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.