23 Feb 2015, 11:29
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ ދައުލަތުން އުފުލައިފި އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މައްސަލަ މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. އެހެންނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި ކްރިމިނަލް ކޯޓުން ވެސް މިކަމާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ.
ނާޒިމްގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދެވަނަ މާއްދާގެ އެއްވަނަ ނަންބަރާ ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި ވަނީ އެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރާއި ދެވަނަ ނަންބަރާއި ތިން ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެއްޗެއް އެ ގާނޫނާ ޚިލާފުގޮތަކަށް އަތުގައި ބަހައްޓައި، ގެންގުޅެ، ދީ، ނުވަތަ ވިއްކައިފި މީހެއްގެ އަދަބަކީ ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭބަންދު ކުރުން ކަމަށެވެ.
ދިޓީވީގެ ގޯޅިތެރޭގައި ހުންނަ ނާޒިމް ދިރިއުޅުއްވާ ގެއަށް މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވެ 3:30 އެހައިކަންހާއިރު ކޯޓު އަމުރެއްގެދަށުން ވަދެ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓު ފާސްކުރިއިރު ފިސްތޯލައެއް ނެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް ނާޒިމްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ ފުލުހުން ކުރާ ތުހުމަތުތަކަށް ނާޒިމް އިންކާރުކުރާ ކަމަށް ވިދާޅުވެފަ އެވެ.