އޭއެފްސީ ކަޕްގައި ބައިވެރިވުމަށް ރޭ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް އިންޑޮނޭޝިއާއަށް ފުރާފައި ވާއިރު، މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމްގެ ކޯޗް މިކާ ލޮންސްޓްރޮމް ބުނެފިއެވެ.

އިންޑޮނޭޝިއާއަށް ފުރުމުގެކުރިން ރޭ ނޫސްވެރިންނާ ވާހަކަ ދައްކަމުން މިކާ ބުނީ ޓީމުގެ ތަމްރީނުތައް ދިޔަ ގޮތާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މިހާރު އެންމެ މުހިންމު ކަމަކީ ދަތުރަށް ފަހު ޓީމް ރަނގަޅަށް ރެސްޓުކޮށް، މެޗަށް ތައްޔާރުވުން ކަމަށް މިކާ ބުންޏެވެ.

"ޓީމާމެދު އަހަރެން ވަރަށް ކޮންފިޑެންޓް. އަހަރެން ދެކޭ ގޮތުގައި ތަމްރީނުތަކަށް ލިބުނު ވަގުތުވެސް ހަމަ ފުދޭ. މިހާރު އެންމެ މުހިންމު ކަމަކީ ދަތުރަށް ފަހު ޓީމް ރަނގަޅަށް ރެސްޓު ކުރުން. މެޗެއްގެ ކުރިއަށް އޮންނަ ދެ ދުވަހަކީ އަބަދުވެސް ވަރަށް މުހިންމު ދެ ދުވަސް. އަހަރުމެން ރެސްޓު ކުރާ ގޮތާ، ކާ އެއްޗިއްސާ، މިފަދަ ކަންކަމަށް އިސްކަން ދީގެން އެންމެ ރަނގަޅު ޕާފޯމެންސެއް ދެއްކޭގޮތަށް ތައްޔާރު ވުމަކީ މިހަރު އެންމެ މުހިންމު ކަންތައް،" މިކާ ބުންޏެވެ.

ޓީމާ މެދު ވާހަކަ ދައްކަމުން މިކާ ބުނީ ބައެއް ކުޅުންތެރިންނާ އަދިވެސް ޓެކްޓިކަލް ވާހަކަ ދައްކަން ޖެހޭ ކަމަށާއި، ޓީމުގައި އަދިވެސް އިތުރު ތައްޔާރީތަކެއް ވާންޖެހޭ ކުޅުންތެރިން ތިބި ކަމަށެވެ.

"ޓެކްޓިކަލް ގޮތުން އަދިވެސް ބައެއް ކުޅުންތެރިންނާ ދައްކަންޖެހޭ ވާހަކަ އެބަހުރި. ނަމަވެސް ތަމްރީނުތައް ދިޔަގޮތާ މެދު ވަރަށް ހިންހަމަ ޖެހޭ. މިހާރު ޓީމް އޮތީ މުބާރާތައް ތައްޔާރަށް. މަސް ދުވަސް ވަންދެން ރެގިއުލާ ފުޓްބޯޅަ ނުކުޅެ ތިބި ކުޅުންތެރިން ޓީމްގަ އެބަ ތިބި. އެ ކުޅުންތެރިންނަށް އަދި ވަގުތުކޮޅެއް ބެނުންވާނެ، އެކަމު ތަމްރީނުތަކާއެކު އެ ކުޅުންތެރިންވެސް މިހާރު ތިބޭނީ ތައްޔާރު ވެފަ،" މިކާ ބުންޏެވެ.

މިއަހަރު ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ މުބާރާތުގައި ނިއުއަށް ރަނގަޅު ނަތީޖާއެއް ނެރެވިފައި ނުވިނަމަވެސް، އެ ޓީމް ވަނީ އެ މުބާރާތަށް ފަހު ޓީމަށް އިތުރު ބަދަލުތަކެއް ގެނެސްފައެވެ. ޕީޕަލްސް ކަޕަށް އެ ޓީމަށް ގެނައި ތިން ބިދޭސީ ކުޅުންތެރިން ދޫކޮށްލައި އެ ޓީމަށް މިހާރު އާ ހަތަރު ބިދޭސީ ކުޅުންތެރިން ގެނެސްފައިވާއިރު، އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ މިއަހަރު އެ ޓީމްގެ ކެޕްޓަންކަމާ ހަވާލުވި މުހައްމަދު އުމައިރު އާއި މިދިޔަ ސީޒަންގައި އެ ޓީމްގެ ގޯލް ބެލެހެއްޓި ރާއްޖޭގެ އެއް ނަންބަރު ގޯލް ކީޕަރު އިމްރާން މުހައްމަދު މި ސީޒަންގައި އެ ޓީމް ދޫކޮށްލާފައި ވުމެވެ.

އޭއެފްސީ ކަޕްގައި ނިއު ކުޅޭ އެންމެ ފުރަތަމަ މެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އެ މެޗުގައި އެ ޓީމް ނިކުންނާނީ އޭއެފްސީ ކަޕްގައި ފުރަތަމަ ފަހަރަށް ވާދަކުރާ އިންޑޮނޭޝިއާގެ ކްލަބެއް ކަމަށްވާ ޕާސިބް ބަންޑަންގްއާ ދެކޮޅަށެވެ. އެ ޓީމް މިދިޔަ އަހަރު އިންޑޮނޭޝިއާގެ ސުޕާ ލީގު ކާމިޔާބު ކޮށްފައި ވާއިރު، އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު އެ ޓީމް ވަނީ ކާމިޔާބު ކޮށްފައެވެ.