މައްޗަންގޮޅި ދިދިގޯޅި ތެރޭގައި ހުންނަ "އަގޯރާ އެކްސްޕްރެސް" ފިހާރަ ކުރިމަތިން ވަޅިން ހަމަލާދީ ތ. ތިމަރަފުށީ ބްލޫނިޔާގޭ އަސީލު އަހްމަދު މަރާލި ކަމަށް ތުހުމަތުކުރެވޭ ދެ ކުދިންގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ 16 އަހަރުގެ ދެ ކުއްޖެއްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ދެވަނަ އަޑުއެހުން މިއަދު ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އެ އަޑުއެހުމުގައި އޮންނާނީ ދައުވާއަށް ޖަވާބުދާރީވުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ދެ ކުދިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 23 ވަނަ ދުވަހުގެ ރޭ 8:45 އެހާކަންހާއިރު ދިދިގޯޅި ތެރޭގައި ހުންނަ "އަގޯރާ އެކްސްޕްރެސް" ފިހާރަ ކުރިމައްޗަށް ސައިކަލްތަކުގައި އިތުރު ބަޔަކާ އެކު ގޮސް އަސީލަށް ހަމަލާދީފައިވާ ތުހުމަތު ކުރެވޭތީ އާއި އެ ހަމަލާގެ ސަބަބުން އަސީލް މަރުވެފައިވާތީ އެވެ.

އެ ދެ ކުދިންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

އެ މައްސަލައާ ގުޅިގެން 18 އަހަރުން މަތީގެ ހަ މީހެއްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ. އެމީހުންނަކީ ގދ. ތިނަދޫ ސްވީޓް ޑްރީމް އަހްމަދު ނިމްޝާދު އާއި ކ. ހުޅުމާލެ 10118 އަހްމަދު ޖައުފަރު އާއި މާލޭ ދަފްތަރު 6566 އިސްމާއީލް ރިފާއު އާއި ގދ. ވާދޫ އާބަހާރުގޭ އިހްސާން ރަޝީދު އާއި މ. ގޯލްޑްބާޑްލިލީ ހަސަން އިސާމް މުހައްމަދުގެ އިތުރުން މއ. ރާޅުއެރިގޭ ޝާރިފް ޝަރީފް އެވެ. އެހެންނަމަވެސް ކްރިމިނަލް ކޯޓުން އެ މައްސަލައިގެ ޝަރީއަތް އަދި ފަށާފައެއް ނުވެ އެވެ.