މާތްވެގެންވާ މައްކާ (ފެބްރުއަރީ 23) : އިސްލާމް ދީނުގެ ނަމުގައި ހައްގަކާނުލައި މީހުން މެރުމާއި މަގުފޭރުމާއި ޓެރަރިޒަމްގެ ހަރުކަށި އަމަލުތައް ހިންގުން އިސްލާމީ ބައެއް ގައުމުތަކުގައި އާންމުވަމުންދާ ކަމަށް ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވިދާޅުވެއްޖެ އެވެ.

މާތްވެގެންވާ މައްކާގައި އިއްޔެ ފެށި ރާބިތަތުލްއާލަމުލްއިސްލާމީގެ މަހާސިންތާގެ އިފްތިތާޙީ ޖަލްސާއަށް ފޮނުއްވި ޚިތާބެއްގައި ސަލްމާން ރަސްގެފާނު ވިދާޅުވީ އިސްލާމް ދީނުގެ ޝިޢާރުތައް އުފުލައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގާ ޖަމާއަތްތަކަކީ މަގުގެއްލިފައިވާ ޖާމާއަތްތަކެއްކަމުގަ އެވެ. މިފަދަ ޖަމާއަތްތައް އަލުން އެނބުރި އިސްލާމް ދީނަށް ރުޖޫޢަވާންޖެހޭ ކަމަށާއި އެ ޖަމާއަތްތަކުގެ ހަނގުރާމަވެރިންނާ އަދި އެމީހުންގެ ހައްދުފަހަނަޅާފައިވާ އަމަލުތަކާ މާތްވެގެންވާ އިސްލާމް ދީނާ އެއްވެސް ގުޅުމެއްނެތް ކަމަށް ސަލްމާން ވިދާޅުވި އެވެ.

އިސްލާމް ދީނުގެ ޝިޢާރު އުފުލައިގެން ޓެރަރިޒަމްގެ ހަރަކާތްތައް ހިންގަމުން ގެންދާ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުގެ ސަބަބުން އިސްލާމީ އެތައް ގައުމެއް ހަލާކުވެ އެގައުމުތަކުގެ ރައްޔިތުން ޙާލުގައި ޖެހިފައިވާއިރު އެ ޖަމާއަތްތަކުގެ ސަބަބުން މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ނުބައިރޭވުންތައް ރާވައި އެރޭވުންތައް ތަންފީޒު ކުރުމުގެ ފުރްސަތު އިސްލާމް ދީނުގެ ދުޝްމަނުންނަށް ލިބިގެންދާ ކަމަށް ވެސް ސައޫދީ ރަސްގެފާނުގެ ޚިތާބުގައި ވިދާޅުވި އެވެ.

ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އުފައްދާފައިވާ ބައިނަލްއަގްވާމީ އިސްލާމީ ޖަމްއިއްޔާ އެއްކަމަށްވާ ރާބިތަތުލްއާލަމުލްއިސްލާމީގެ މަހާސިންތާގެ އިފްތިތާޙީ ޖަލްސާ އަށް ސަލްމާން ރަސްގެފާނު ފޮނުއްވި ޚިތާބު އިއްވަވައި ދެއްވީ މައްކާގެ އަމީރު އަދި ސަލްމާންގެ މުސްތަޝާރު ޚާލިދުލްފައިސަލް ބިން އަބްދުލްއަޒީޒެވެ. އިރާގާއި ސޫރިޔާއާއި ޕާކިސްތާން ފަދަ އިސްލާމީ ގައުމުތަކުގައި ހަރަކާތްތެރިވާ ހައްދުފަހަނަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ އަމާޒު ބަދަލުހިފުމުގެ ރޫޙެއްގައި އެގައުމުތަކުގެ ރައްޔިތުންނާ ދެކޮޅަށްހުރި އިރު މިފަދަ އެއްވެސް ޖަމާއަތެއްގެ ޙަމަލާއެއް ނޫނީ ގޯނާއެއް މުސްލިމުންގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ އިސްރާއީލެވެ ކިޔާ ޔަހޫދީ ޒަޔަނިސްޓް ގައުމަށް އަމާޒުނުވާކަން ފާހަގަ ކުރެވިފައިވެ އެވެ.
ދީނުގެ ޝިޢާރުތައް އުފުލައިގެން މުސްލިމް ޒުވާނުން ހައްލުވާލުމަށް ޕްރޮޕަގެންޑާ ފަތުރާ މިފަދަ ހަރުކަށި ޖަމާއަތްތަކަށް މާލީގޮތުން އެހީތެރިވާކަމުގެ ތުހުމަތު ސައޫދީ ބައެއް މަހުޖަނުންގެ މައްޗަށް ކުރެވިފައިވާއިރު ޖިހާދުގެ ނަމުގައި އެފަދަ ޖަމާއަތްތަކާއެކު ހަނގުރާމަ ކުރުމަށް ސައޫދީ ބައެއް ޒުވާނުން އެޖަމާއަތްތަކާ ގުޅެމުންދާ މައްސަލަވެސް ސައޫދީ ގައިވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. މީގެ އިތުރުން އިސްލާމީ މުޖްތަމައުތައް ހަލާކު ކުރުމަށްޓަކައި މިފަދަ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކަށް ސިއްރިޔާތުގައި ހަތިޔާރު ފޯރުކޮށްދޭކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ވެސް ކުރެވިފައިވެ އެވެ.
އިރާގުގެ ޕާލަމެންޓުން ދާދިފަހުން ކުރި ތަހްގީގްތަކަކަށް ފަހު ނެރެފައިވާ ރިޕޯޓެއްގައި އެމެރިކާ އިން އައިއެސް ޖަމާއަތަށް ސިއްރިޔާތުގައި ހަތިޔާރު ފޯރުކޮށްދޭގޮތް ވަރަށް ތަފްސީލްކޮށް ހާމަކޮށް އެމެރިކާ ބޭޒާރުކޮށްލާފައިވެ އެވެ. އިރާގުގެ ޕާލަމެންޓްގެ ރިޕޯޓްގައި އައިއެސް ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދެނީ އެމެރިކާގެ ޖާސޫސީ ފަރާތްތަކުން ކަން ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ބަޔާން ކޮށްފައިވެ އެވެ. މީގެ އިތުރުން އައިއެސްއާ ދެކޮޅަށް އެމެރިކާދޭ ވައިގެ ޙަމަލާތަކަކީ ވެސް ސީރިޔަސްނޫން ގޮތެއްގައި ހަމައެކަނި ނަމެއްގައިދޭ ޙަމަލާތަކެއްކަމަށް އިރާގުގެ އަސްކަރީ ބައެއް މަސްއޫލުވެރިން ވެސް ތުހުމަތު ކުރައްވާފައިވެ އެވެ.

ރާބިތަތުލްއާލަމުލް އިސްލާމީގެ ބައްދަލުވުމުގައި އެޖަމްއިއްޔާގެ މެންބަރުންގެ ގޮތުގައި ތިއްބެވި އިސްލާމީ ޢިލްމުވެރިންނާއި ބާޙިޘުންނާއި މުފައްޤިހުން ބައިވެރިވެ ވަޑައިގަންނަވަ އެވެ. (ނޫސްއެޖެންސީތައް)