ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕީއެމްގައި އެމަނިކުފާނުގެ ބާރެއް މިއަދު ނެތް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ދޫކޮށް މަހުލޫފްދާ ކަމަށް އަޑުފެތުރިފައި ވަނިކޮށް ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން މަހުލޫފް ރޭ ވިދާޅުވީ ޕީޕީއެމް ދޫކޮށްލުމުގެ ފިކުރު ގެންގުޅުއްވާ ކަމަށާއި ނަމަވެސް އަދި ހުންނެވީ އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ. މަހުލޫފް ޕާޓީ ބަދަލުކުރައްވަނީ ރައީސް މައުމޫން ޕާޓީ ބަދަލު ކުރި ދުވަހަކުން ކަމަށް ކުރިން ވިދާޅުވެފައިވާ އިރު މިއަދު އޭނާ ވިދާޅުވީ ރައީސް މައުމޫން އުފެއްދި ޕީޕީއެމްގައި އެމަނިކުފާނުގެ ބާރެއް ނެތް ކަމަށެވެ.

"ހަގީގަތަކީ ރައީސް މައުމޫންއަކީ ވެސް ޕާޓީގައި ނެތް ބޭފުޅެއް. މިއީ ހަގީގަތަކީ. އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ ރައީސް މައުމޫން ވެސް މިއަދު މިސަރުކާރުގައި ހުރި ބައެއް ކަންތައްތަކާ ދޭތެރޭ ހިތްފުޅު ހަމަޖެހި ވަޑައިނުގަންނަވާކަން. އެކަން ރަނގަޅު ކުރައްވަން މަސައްކަތް ކުރެއްވީމާ އޭގެ ނަތީޖާ ނުނިކުންނަވާކަން،" މަހުލޫފް ވިދާޅުވި އެވެ.

ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް ރައީސް މައުމޫނާ ދެކޮޅަށް މަސައްކަތް ނުކުރައްވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ރޭ ވަނީ ރައީސް ޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ތިންބާރު ރައީސް ޔާމީންގެ "މުށުތެރޭގައި" އޮތް ކަމަށާއި އޭގެ ބޭނުން ނަހަމަ ގޮތުގައި ކުރައްވަމުންދާ ކަމަށެވެ. މިސާލެއްގެ ގޮތުގައި މަހުލޫފް ނެންގެވީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްޗަށް ކުރާ ތުހުމަތެވެ. މަހުލޫފް ތުހުމަތު ކުރައްވާ ގޮތުގައި ނާޒިމް ދިރިއުޅުއްވާ ގެއިން ފެނުނު ހަތިޔާރުތަކަކީ "ފުލުހުން އެގެއަށް ވެއްދި ތަކެތިކަން އެނގޭ" ކަމަށެވެ. އޭނާ ވިދާޅުވީ ނާޒިމު އުމުރު ދުވަހަށް ޖަލަށް ލުމަށް ދޫނިދޫގައި "ދޮންކުރަމުން"ދާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ ނާޒިމުގެ މައްޗަށް ކުރި ތުހުމަތުތަކާ އެއްގޮތަށް އޭނާގެ އަމިއްލަގެއިން އެއްޗެހިތަކެއް ފެނުނު ކަމަށް ބުނެ ހައްޔަރު ކުރުމަކީ ދުރުގައި އޮތްކަމެއް ނޫން ކަމަށެވެ. މިއަދު އެ ވާހަކަ ދައްކަން މަޖުބޫރުވީ މާދަމާއަށް ދިމާވެދާނެ ނުރައްކަލަކަށް ޓަކައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް ތެރެއިން އޭނާ ހުރީ ބާކީކޮށްފައި ކަމަށާއި އެގޮތުން ޖަލްސާތަކުން ފުރުސަތު ދެނީ ހަތަރު ވަނަ ގޮނޑިބަރިން ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. އޭނާއާއި ދޭތެރޭ ކަންކަން ކޮށްފައި ހުރި ގޮތުން "ވަރަށް އަސަރުކޮށްފި" ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ. އެގޮތުން ރައީސް ޔާމީން އޭނާއާއި ގާތްގުޅުމެއް ނުބާއްވާއިރު ޕީޕީއެމްގެ ޖަލްސާތަކުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ވޭތުވެ ދިޔަ 14 މަސް ތެރޭގައި ދީފައިނުވާ ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ ބާރުތަކާ ބެހޭ ގޮތުން މަހުލޫފް ދެއްކެވި ވާހަކަފުޅާ ބެހޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން ވަރަށް އަވަހަށް ސަރުކާރުން އެއްޗެއް ބުނާނެ ކަމަށެވެ. ޕީޕީއެމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.