އެމްޑީޕީއާއި ޖޭޕީ ގުޅިގެން މިރޭ މާލޭގައި މުޒާހަރާ ކުރިއަށް ގެންދިޔަ ވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި 10 މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިރޭ ހައްޔަރު ކުރި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއްގެ އިތުރުން އަންހެނަކުވެސް ހިމެނޭ ކަމަށެވެ. އެހެންނަމަވެސް އެ ދެ މީހުންވެސް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމާއި ގުޅިގެން މިއަދު ހަވީރުންފެށިގެން އެމްޑީޕީ-ޖޭޕީ އިން ދިޔައީ ދިރާގު ކަންމަތީގައި މުޒާހަރާ ކުރަމުން ނެވެ. އެގޮތުން މިރޭ މުޒާހަރާގެ ބައިވެރިން ވަކި ހިސާބަކުން މަޖީދީމަގާއި ޗާންދަނީ މަގުގެ ހަތަރު އަނގޮޅި ބައްދަލުވާ ހިސާބަށް މިސްރާބު ޖެހި އެވެ.

އަދި އޭގެފަހުން މުޒާހަރައިގެ ބައިވެރިން، "ރައީސް ޔާމީނަށް އަޅުގަނޑުމެން ދައްކާ ވާހަކަ އަޑުއިއްވަން ޖެހޭނެ" ކަމަށް ބުނެ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވުމަށް މިސްރާބު ޖެހި އެވެ. އަދި އެމީހުންނަށް އަލިކިލޭގެފާނު މަގާއި މަޖީދީ މަގާއި ބައްދަލުވާ ހިސާބަށް ދެވުނު އިރު ފުލުހުން ވަނީ އަލިކިލޭގެފާނު މަގުގެ ވަކި ހިސާބެއް ބަންދު ކޮށްފައެވެ. އަދި އެވަގުތު ފުލުހުންނާއި އެމްޑީޕީ-ޖޭޕީގެ މެމްބަރުންނާއި ދެމެދު ހަމަނުޖެހުންތައް ހިނގަން ފެށި އެވެ.

މިރޭގެ މުޒާހަރާގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް އެއްފަހަރު ޕެޕާ ސްޕްރޭ ވެސް ޖަހާފަ އެވެ.

އެމްޑީޕީ-ޖޭޕީ އިން ކުރިއަށް ގެންދިޔަ މުޒާހަރާގައި ހިނގި ހަމަ ނުޖެހުމެއްގެ ތެރޭގައި އަލިކިލޭގެފާނު މަގު ލައިޓް ކަންމަތީގަައި ހުރި "ނިއުލައިން" ފިހާރައިގެ ބިއްލޫރި ގަނޑު ވެސް ވަނީ ތަޅައިގެން ގޮސްފައެވެ. އަދި އެ ހަމަ ނުޖެހުމުގެ ތެރޭގައި މީހެއްގެ އަތް ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމް ވެފައި އެވެ.

މިރޭގެ މުޒާހަރާ ހޫނުވެ ބައެއް މީހުން ފުލުުހުން ހައްޔަރުކޮށްފައި ވާއިރު ފުލުހުން މިއަދު ވަނީ، މިހާރު މާލޭގައި ކުރިއަށްގެންދާ އެއްވުންތަކާއި މުޒާހަރާތައް، ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި އާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި ޚިލާފު ނުވާނެ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ.