23 Feb 2015, 01:03
ސައްހަ މައުލޫމާތު ހޯދައި ތެދު މައުލޫމާތު ފެތުރުމަކީ އެންމެންގެވެސް ހައްގެއްކަމަށާއި އެއީ އެންމެންގެވެސް ޒިންމާއެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިޔާސީ މަަސްރަހު ހޫނުވެ، މުޒާހަރާތަކާއި، ތަފާތު އެކި ސިޔާސީ ފަރާތްތަކާއި ބެހޭގޮތުން މީޑިއާތަކުގައި ގިނަ ވާހަހަކަތަކެއް ފަތުރަމުންދާ މި ދަނޑިވަޅާ ދިމާކޮށް އަޒީޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ސައްހަ ތެދު މައުލޫމާތު ފޯރުކޮށްދިނުމަށެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމަކީ އެންމެންގެވެސް ހައްގަކާއި ޒިންމާއެއްކަމަށް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.
އާންމުންނަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި މަސްލަހަތު ނުގެއްލޭނެގޮތަށް އަދި ސާފު ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް މީގެކުރިންވެސް އިންފޮމޭޝަން ކޮމިޝަނުން ވަނީ މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބައެއް ސިޔާސީ ފަރާތްތަކަށް ނިސްބަތްކޮށް ދޮގު ހަބަރު ފަތުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ސިޔާސީ ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ފޯރުކޮށްދޭ މައުލޫމާތަކީ ތެދު މައުލޫމާތަށް ވާން ޖެހޭނެ ކަމަށް އެ ގާނޫނޫގައި ވަނީ ބުނެފަ އެވެ.