ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ގާނޫނޫ އަސާސީން ޕްރޮސިކިއުޓާ ޖެނެރަލް އަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަކީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ އެ ދައުވާ އަނބުރާ ގެންދިޔުމަށް ސިޔާސީ ބައެއް ފަރާތްތަކާއި ބައެއް އާންމުން ގޮވަމުންދާތީ އެކަމާ އެ އޮފީހުން ކަންބޮޑުވާ ކަމަށެވެ.

އެ ބަޔާނުގައި ވަނީ، ކުރިން ރައީސް ނަޝީދުގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެނެސް، ޓެރަރިޒަމްގެ ދައުވާއަށް ބަދަލުކޮށްފައި ވަނީ ގާނޫނު އަސާސީންނާއި ހައިކޯޓުން ނިންމުންތަކުން ޕްރޮސިކިއުޓާ ޖެނެރަލް އަށް ލިބިގެންވާ ބާރުގެދަށުން ކަމަށެވެ.

ރައީސް ނަޝީދުގެ މައްސަލަ މިހާރު އޮތީ ޝަރުއީ މަރުހަލާގައި ކަމަށްވުމުން، ޝަރީއަތުގެ މަޖިލީސްތަކުގެ ހުކުމްތަކާ މެދު އާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ގާނޫނު އަސާސީން އެކަށައަޅާފައިވާ މިނިވަން މުއައްސަސާތަކުގެ އިތުބާރު ގެއްލޭގޮތަށް ވާހަކަދެއްކުމަކީ އެދެވިގެންވާ ކެމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.