14 Feb 2011, 21:03
އިންޑިޔާގެ ދަވީކް މެގަޒިންގައި މި މަހުގެ 20 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ ލިޔުމުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އާއިލާ އިން 800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރިކޮށްފައިވާ ކަމަށް ބުނެ އިންޑިއާގެ ނޫސްވެރިޔަކު ލިއުނު ވާހަކަތައް އޭނާ ލިޔެފައި ވަނީ އޭނާ އަށް ލިބުނު ރަސްމީ ރިޕޯޓަކަށް ރިއާޔަތްކޮށްގެން ކަމަށާއި މައުމޫން ކޯޓަށް ވަޑައިގެންފި ނަމަ ވެސް އެކަން ސާބިތުކޮށްދޭނެ ކަމަށް އެ ލިޔުން ލިޔުނު ސީއެންއެން، އައިބީއެންގެ ޗީފް ނެޝަނަލް ކަރެސްޕޮންޑެންޓް ސުމަން ޗަކްރަބަތީ މިއަދު ބުނެފި އެވެ.
~
ސަން އާ ވާހަކަ ދައްކަވަމުން ޗަކްރަބަތީ މިއަދު ބުނީ އޭނާ ލިޔެފައި ހުރި ވާހަކަތަކަކީ އަމިއްލަ ވާހަކަތަކެއް ނޫން ކަމަށާއި އެއީ ރަސްމީ ރިޕޯޓެއްގައި ހުރި ވާހަކަތަކެއް ކަމަށާއި އެ ލިޔުންތައް އޭނާގެ އަތުގައި އެބަހުރި ކަމަށެވެ.
"އަހަރެންގެ އަތުގައި އެ ލިޔުމުގައި އިޝާރާތް ކުރާ ރިޕޯޓުތައް އެބަހުރި. ކޯޓަށް ގޮސްފި ނަމަ އަހަރެންގެ ލޯޔަރުން އެ ލިޔުމުގައި ހުރި ވާހަކަތައް ސާބިތުކޮށްދޭނެ،" ޖަކްރަބަތީ ބުންޏެވެ.
ދަ ވީކްގައި ޗަކްރަބަތީ ލިޔެފައި ވަނީ ޔާމީން އެސްޓީއޯގެ ޗެއާމަނަކަށް ހުންނަވައިގެން މިޔަންމާގެ އަސްކަރީ ސަރުކާރާ އެކު ތެލުގެ ވަގު ވިޔަފާރިތަކެއްކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ބެލުމަށް ގުރާންޓް ތޯޓަން ކިޔާ އެކައުންޓެންސީ ފާމަކާ ދިވެހި ސަރުކާރުން ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ރިޕޯޓް އެފާމުން މިހާރު ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ލިޔެފައިވެ އެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު 2008 ވަނަ އަހަރު އުފެއްދެވި ރިޔާސީ ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނުގައި އެ ރިޕޯޓް އަދި ދިވެހި ސަރުކާރާ ހަވާލުކުރި ކަމެއް ނުވަތަ ނޫން ކަމެއް ބުނެފައެއް ނުވެ އެވެ.
ރިއާސީ ކޮމިޝަނުން ބުނެފައި ވަނީ ގްރާންޓް ތޯޓަން އަކީ ސިންގަޕޫރު އެސްޓީއޯ އިން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ތުހުމަތުކޮށްފައިވާ މައްސަލައިގެ ތަހުގީގުތައް ކުރާ ފޮރެންސިކް އަކައުންޓެންސީ ފާމެއް ކަމަށެވެ.
އެ ރިޕޯޓުގައި ހުރި ބައެއް ވާހަކަތަކާ ގުޅޭ ގޮތުން އެސްޓީއޯގެ ޗެއާމަން ޝާހިދު އަލީ މިއަދު ވިދާޅުވީ މިދިޔަ އަހަރު ރިޔާސީ ކޮމިޝަނުން ފައްޓައިގެން ކުރިއަށް ގެންދާ ސިންގަޕޫރު މޯލްޑިވްސްގެ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅޭ ތަހުގީގަކަށް އެއްބާރުލުން ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި ވިދާޅުވީ ދަވީކުގައި ބުނެފައިވާ ގޮތަށް މޯކަމްގެ ހިއްސާ ދާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ މައްސަލައެއް އޮތް ކަމަށް ތަހުގީގުން ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ދަ ވީކުގައި ބުނެފައި ވަނީ އެސްޓީއޯގެ ފަރާތުން 2004 ވަނަ އަހަރުގެ ތެރޭގައި މޯކަމް ޕުރައިވެޓް ލިމިޓެޑާ އެކު ތެޔޮ ގަނެ ވިއްކުމުގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދާފައިވާ ކަމަށާއި އެ ކުންފުނިން ވަގަށް ބަރުމާގެ ކަޅުބާޒާރަށް ތެޔޮ ވިއްކާފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިއްބެވީ އެސްޓީއޯގެ ޗީފް ފައިނޭންޝިއަލް އޮފިސަރެއްގެ ގޮތުގައި މިހާރު ވެސް މަސައްކަތް ކުރައްވާ ސަނާ މަންސޫރާއި ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ފާތިމަތު އާޝާން ކަމަށް ވެސް އެ މަޖައްލާ ބުނެ އެވެ. އެ ދެ ބޭފުޅުންގެ އިތުރުން ވެސް އެ ބޯޑުގައި ކުރީގައި އެސްޓީއޯގެ އިސް މަގާމުތަކެއް ފުރުއްވި އަހުމަދު މުނީޒް ކިޔާ ބޭފުޅަކު ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވެސް ދަ ވީކްގައިވެ އެވެ. ދެން އެ ބޯޑުގައި ހިމެނެނީ މިޔަންމާގެ މީހަކާއި މެލޭޝިޔާގެ މީހެއް ކަމަށް އެ ރިޕޯޓްގައިވެ އެވެ.
ޝާހިދު ވިދާޅުވީ ސިންގަޕޫރު ފުލުހުން އަދި އެއްވެސް ސުވާލެއް މިހާތަނަށް ކޮށްފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަކާ އެއްވެސް ސުވާލެއް ނުކުރޭ. އެބޭފުޅުން ކުރެއްވިއަސް ކުރައްވާނީ ރިޔާސީ ކޮމިޝަނާހެން ހީވަނީ،" ޝާހިދު ވިދާޅުވި އެވެ.
އެނާ ވިދާޅުވީ ދަ ވީކުގައި ހުރި ބައެއް ވާހަކަތަކަށް އެއްޗެއް ވިދާޅުވާން އެނގޭނީ ތަހުގީގު ނިމުމުން ކަމަށެވެ.
ދަ ވީކުގައި ޗަކުރަބަތީ ލިޔެފައި ވަނީ މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ރައީސް މައުމޫނާއި އޭނާގެ އާއިލާގެ ބޭފުޅުން މިޔަންމާގެ އަސްކަރީ ސަރުކާރާ އެކު ކޮށްފައިވާ ވަގު ވިޔަފާރީގެ މުއާމަލާތްތަކެއްގެ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން ޔާމީން ވެސް ވިދާޅުވެފައި ވަނީ އޭނާއާ ސިންގަޕޫރުގެ ފުލުހުން ވެސް އަދި ރާއްޖޭގެ ފުލުހުން ވެސް އެއްވެސް ސުވާލެއް މިހާތަނަށް އަދި ކޮށްފައި ނުވާކަމަށެވެ.
ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ޗަކްރަބަތީ ހިތްހަމަ ނުޖެހިގެން ބުނީ އޭނާގެ އެ ރިޕޯޓުގައި ތުހުމަތުތަކެއް ހިމެނިފައި ނުވާނެ ކަމަށެވެ. އަދި ޗަކްރަބަތީ އެލިޔުން ލިޔެފައި ވަނީ ސަރުކާރުގެ ބައެއް ފަރާތްތަކުން ލާރި ދީގެން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އޭނާ ވަނީ އެއީ ވަރަށް އަން ޕްރޮފެޝަނަލް ސުވާލެއްކަމަށް ބުނެ އެކަމަށް އިންކާރުކޮށްފަ އެވެ. އަދި އޭނާ ވަނީ އިތުރު ވާހަކައެއް ދެއްކުމެއް ނެތި ފޮނު ކަނޑާލައިފަ އެވެ.
"އަހަރެން މިބުނަނީ އިތުރަށް ބޭނުމެއް ނޫނޭ އެއްވެސް ސުވާލަކަށް ޖަވާބުދޭކަށް. އެއޮތީ އެލިޔުމުގައި ތިޔަ މައްސަލައިގައި އަހަރެން ދައްކާނެ ވާހަކައެއް ވިއްޔާ ލިޔެފައި،" ޗަކްރަބަތީ ބުންޏެވެ.
ދަ ވީކުގައި ޗަކްރަބަތީ ލިޔެފައިވާ ގޮތުން ރައީސް މައުމޫނާއި ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް 800 ޑޮލަރުގެ ވަގު ވިޔަފާރިކޮށްފައިވެ އެވެ. އެހެންނަމަވެސް ރާއްޖޭގެ ނޮމިނަލް ޖީޑީޕީގެ 80 ޕަސެންޓުގެ ބޮޑު އަދަދެއްގެ ވިޔަފާރިކޮށްފައި ވަނީ ކިހިނެއް ކަމެއް ޗަކުރަބަތީގެ ލިޔުމުން ސާފެއް ނުވެ އެވެ.
ރައީސް މައުމޫންގެ ރަސްމީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައިގައި ރާއްޖޭން ބޭރުގަޔާއި ރާއްޖޭގެ ކޯޓުތަކުގައި ދައުވާކުރުމަށް ވިސްނާ ކަމަށެވެ.
ޔާމީން ވިދާޅުވެފައި ވަނީ އޭނާ އެފަދަ ވަގު ވިޔަފާރިއެއްކޮށްފައި ނުވާނެ ކަމަށެވެ.
ސިންގަޕޫރު ފުލުހުންގެ ފަރާތުން އެކަމުގައި ބަހެއް ހޯދުމަށް ކުރިމަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.