22 Feb 2015, 22:30
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހައްޔަރުކޮށްފައި ވާތީ ނަޝީދު ވަގުތުން ވަގުތަށް ދޫކޮށްލުމަށް އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން މިރޭ ގޮވާލައިފި އެވެ.
އެމްޑީޕީ އާއި ޖޭޕީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއްގައި ތައްޔާރުކޮށްފައިވާ ބަޔާނެއް އިއްވަވައި ދެއްވަމުން ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވިދާޅުވީ ޓެރަރިޒަމްގެ ދައުވާކޮށް ނަޝީދު ހައްޔަރުކުރުމަކީ އެ ދެ ޕާޓީ އަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެ ބަޔާނުގައި ބުނީ ނަޝީދުގެ މައްޗަށް "ޓެރަރިޒަމްގެ ނަމުގައި" ކޮށްފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށާއި އެއީ ސިޔާސީ ވާދަވެރިންނަށް ބިރުދައްކައި އަނިޔާވެރިވުމަށް ހިންގި އަމަލެއް ކަމުގައި އެ ދެ ޕާޓީން ދެކޭ ކަމަށެވެ. އަދި ނަޝީދު ވަގުތުން ވަގުތަށް ދޫކޮށްލަން އެ ބަޔާނުގައިވެ އެވެ.
ނަޝީދު ހައްޔަރުކޮށްފައި ވަނީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ކުށުގެ ދައުވާ އަށް ނަޝީދު "ކޯޓަށް ހާޒިރު ނުވެދާނެ ކަމަށާއި ފިލާފާނެ ކަމަށް ޓަކައި" ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރެން ޖެހުނީ، ނަޝީދުގެ މައްޗަށް އެ މައްސަލައިގެ ޝަރީއަތް ހުޅުމާލޭ ކޯޓުގައި ހިނގި އިރު، "ކަން ހިނގާފައިވާ ގޮތާއި ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓަށް"ބެލުމަށް ފަހު ކަމަށް ކްރިމިނަލް ކޯޓުން ނަޝީދު ހައްޔަރުކުރަން އަންގައި ނެރުނު އަމުރުގައިވެ އެވެ.
ނަޝީދުއާ އެކު ދައުލަތުން މިއަދު ޓެރަރިޒަމްގެ ދައުވާ އުފުލި ބޭފުޅުންގެ ތެރޭގައި އެ މަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި މިހާރުގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ އާއި ކާނަލް ރިޓަޔާޑު މުހައްމަދު ޒިޔާދު ހިމެނެ އެވެ.
ނަޝީދު ހައްޔަރުކުރުމަށް ފަހު މިއަދު ވަނީ ދޫނިދޫއަށް ގެންގޮސްފަ އެވެ.