ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް، ކުޑަކުއްޖަކާ އެކު ހަތް މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ 'ސަން'އަށް ވިދާޅުވީ، މިއަދު ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ފިރިހެނުންނާއި އަންހެނެއްގެ އިތުރުން ކުޑަ ކުއްޖެއްކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ނަޝިދުގެ ހައްޔަރާއެކު މިއަދު ހަމަނުޖެހުންތައް ހިނގާފައިވާ ސަރަހައްދުތަކަކީ، ނަޝީދު ދިރިއުޅުއްވާ މ. ޔާގޫތުގެއާއި އެމްއެމްއޭގެ އިތުރުން ޗާނދަނީމަގު ގައެވެ.

ނަޝީދު ހައްޔަރުކޮށްފައި ވަނީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ހިފައި ހައްޔަރު ކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ. ނަޝީދު ހައްޔަރުކޮށްގެން ގެންދިޔައީ ދޫނިދު އަށެވެ.