އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ބޭސިކް ފުޓްބޯޅަ ރެފްރީ ކޯހަކާއި އޭއެފްސީ ލެވެލް 'ސީ' ލައިސެންސް ކޯޗިން ކޯހެއްގައި ބައިވެރި ވުމުގެ ފުރުސަތު އެފްއޭއެމުން ހުޅުވާލާފި އެވެ.

އެކަމާ ގުޅޭ ގޮތުން އެފްއޭއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރެފްރީ ކޯސް ހިންގަން އެފްއޭއެމުން ނިންމާފައި ވަނީ މާޗް ފަހަކުން 15 އަށް މާލޭގައި ކަމަށެވެ. އަދި އޭއެފްސީ ލެވެލް 'ސީ'ގެ ކޯޗިން ކޯހުގެ ފުރަތަމަ ބައި އޭޕްރިލް 12 އިން 19 އަށް ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، އެ ކޯހުގެ ދެވަނަ ބައި ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މެއި 11 އިން 16 އަށެވެ.

އެފްއޭއެމުން ކުރިއަށް ގެންދަން ނިންމި ބޭސިކް ރެފްރީ ކޯހުގައި ބައިވެރިވުމަށް އެ އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ޝަރުތުތަކަކީ ދިވެހި ރައްޔިތަކަށް ވުމާއި، އުމުރުން 16 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވުން އަދި ގްރޭޑް 7ގެ ފެންވަރު ހުރެ، އިނގިރޭސި ބަހުން ލިޔަން ކިޔަން އިނގުމެވެ. އަދި ކޯޗިން ކޯހުގައި ބައިވެރިވުމަށް އެފްއޭއެމުން ކަނޑައަޅާފައިވާ ޝަރުތަކީ ގްރޭޑް 7ގެ ފެންވަރު ހުރުމާއި އިނގިރޭސި ބަހުން ލިޔަން ކިޔަން އެނގުމެވެ.

އެ ދެ ކޯހުގައި ބައިވެރިވާ ފަރާތްތައް ފުރިހަމަ ކޮށްފައިވާ ފޯމާއެކު، ސީވީ ނުވަތަ ވަނަވަރާއި ޕާސްޕޯޓް ސައިޒްގެ ދެ ފޮޓޯގެ އިތުރުން އައިޑީ ކާޑުގެ ސާފު ކޮޕީއެއް ހުށަހެޅުމަށް އެފްއޭއެމުން ވަނީ އެދިފައެވެ. އަދި ރެފްރީ ކޯހުގައި ބައިވެރިވާ ފަރާތްތައް އެ ތަކެތި ހުށަހެޅުމަށް އަންނަ މާޗް މަހުގެ ދެއަކާ ހަމައަށް މުއްދަތު ދީފައި ވާއިރު، ކޯޗިން ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތައް ތަކެތި ހުށަހަޅަން އެފްއޭއެމުން ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚަކީ މާޗް ފަހެކެވެ.

އޭގެ އިތުރުން ރެފްރީ ކޯހާއި ކޯޗިން ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތައް ފުރަންޖެހޭ ފޯމު މާދަމާ އެފްއޭއެމްގެ މައި އޮފީހުން ދޫކުރާނެ ކަމަށް އެފްއޭއެމުން ވަނީ މައުލޫމާތު ދީފައެވެ.