މައްޗަންގޮޅި ދިދިގޯޅި ތެރޭގައި ހުންނަ "އަގޯރާ އެކްސްޕްރެސް" ފިހާރަ ކުރިމަތިން ވަޅިން ހަމަލާދީ ތ. ތިމަރަފުށީ ބްލޫނިޔާގޭ އަސީލު އަހްމަދު މަރާލި ކަމަށް ތުހުމަތުކުރެވޭ ހަ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުންނަކީ ގދ. ތިނަދޫ ސްވީޓް ޑްރީމް އަހްމަދު ނިމްޝާދު އާއި ކ. ހުޅުމާލެ 10118 އަހްމަދު ޖައުފަރު އާއި މާލޭ ދަފްތަރު 6566 އިސްމާއީލް ރިފާއު އާއި ގދ. ވާދޫ އާބަހާރުގޭ އިހްސާން ރަޝީދު އާއި މ. ގޯލްޑްބާޑްލިލީ ހަސަން އިސާމް މުހައްމަދުގެ އިތުރުން މއ. ރާޅުއެރިގޭ ޝާރިފް ޝަރީފްގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 23 ވަނަ ދުވަހުގެ ރޭ 8:45 އެހައިކަންހާއިރު ދިދިގޯޅި ތެރޭގައި ހުންނަ "އަގޯރާ އެކްސްޕްރެސް" ފިހާރަ ކުރިމައްޗަށް ސައިކަލްތަކުގައި އިތުރު ބަޔަކާއެކު ގޮސް އެމީހުން އަސީލަށް ހަމަލާދީފައިވާ ކަމަށެވެ.

އަސީލްގެ އިތުރުން އެ ފިހާރަ ކުރިމަތީގައި ތިބި ސ. ހުޅުދޫ ނާދީ މުނާޒު ޖައުފަރާއި ކ. ގުރައިދޫ އަޒުމް އަބްދުﷲ މާޖިދަށް ވެސް އެމީހުން ހަމަލާދީފައިވާ ކަމަށް ދައުލަތުން ކުރި ދައުވާގައި ވެއެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު 2:00 ގައި ބާއްވަން ތާވަވަލް ކުރިނަމަވެސް އަމިއްލަ ސަބަބަކާހުރެ ގާޒީއަށް ކޯޓަށް ވަޑައިނުގަނެވޭތީ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ.

އެ މައްސަލައިގައި 18 އަހަރުން ދަށުގެ ދެ ކުއްޖެއްގެ މައްސަލަ ވެސް ފުލުހުން ޕީޖީ އޮފީހަށް ފޮނުވި އެވެ. އެހެންނަމަވެސް އެ ދެ ކުދިންގެ މައްޗަށް ދައުވާކުރިކަމެއް އަދި ސާފެއް ނުވެއެވެ.