ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ރާއްޖޭން ބޭރުގެ ސިއްހީ އޮފިޝަލުންގެ އަދަދު މަދުކުރުމަށް ދިވެހި ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ތަމްރީން ކުރުމަށް މިއަހަރު ތެރޭގައި ހާއްސަ އިސްކަމެއް ދޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅު ތަކަށް 356 މެޑިކަލް އޮފިސަރުންގެ ބޭނުންވެ އެވެ. އޭގެ ތެރެއިން 335 ޖާގައިގައި މިހާރު މަސައްކަތްކުރަމުންދަނީ ބިދޭސީންނެވެ. އަދި މެޑިކަލް އޮފިސަރުންނަށް ދައުލަތުގެ ބެޖެޓުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 175 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް 11 ދާއިރާއަކުން 165 ސްޕެޝަލިސްޓުން ބޭނުންވާއިރު މިހާރު އޭގެ ތެރޭގައި 99 ބިދޭސީ ސްޕެޝަލިސްޓުން އެބަތިއްބެވެ. އަދި ސްޕެޝަލިސްޓުންނަށް ދައުލަތުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހަައްމަދު ހަބީބް ވިދާޅުވީ، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބިދޭސީ ބޭފުޅުންގެ ސަބަބުން ދައުލަތަށް މާލީ ގޮތުން ވަރަށް ބޮޑު ބުރައެއް އުފަލަންޖެހޭ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީން މިއަހަރު ތެރޭގައި ދިވެހި ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ތަމްރީން ކުރުމަށް އިސްކަމެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، މީގެ ކުރިން ވެސް ދިވެހި ޑޮކްޓަރުން ތަމްރީން ކުރުމަށް އެއްބަސްވުމެއް ހަދާފައި އޮންނަ، ނޭޕާލުގެ ދެ ޔުނިވާސިޓީއެއް ކަމަށްވާ ނެޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސާއި، ތްރިބުވާން ޔުނިވާސިޓީގެ އިސްވެރިންނާއި މިދިޔަ ހަފްތާ ތެރޭގައި ބައްދަލުކޮށްފައިވާ ކަމަށް ހަބީބް ވިދާޅުވި އެވެ. އަދި މަހެއްހާ ދުވަސްތެރޭގައި އެ ދެ ޔުނިވާސިޓީއާއެކު ވެފައިވާ އެއްބަސްވުން އާ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"އެ މަޝްވަރާ ބައްދަލުވުމުގައި ދެ ފަރާތުން ކުރި މަޝްވަރާތަކުގައި ރާއްޖެއަށް އިތުރު ސީޓުތަކެއް ލިބޭތޯ މަސައްކަތްކުރިން. އެބޭފުޅުން ވަރަށް ޕޮޒިޓިވް. ވިދާޅުވި، އެހެން ގައުމަކަށް ސީޓުތައް ދޭނީ ރާއްޖޭގެ ދަރިވަރުންނަށް ފުރުސަތު ދީފަ ކަމަށް. އެއީ އަޅުނގަޑުމެންގެ މެޑިކަލް އިންސްޓިޓިއުޓެއް ނެތުމާއެކު،" ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަބީބް ވިދާޅުވި އެވެ.

ސިއްހީ ދާއިރާއަށް ދިވެހިން ތަމްރީން ކުރުމަށް ނޭޕާލާއެކު މަޝްވަރާތަކެއް ކޮށްފައިވާއިރު، އެދާއިރާތަކުން މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން ވަނީ ފިނޭންސް މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނާއެކު ވެސް މަޝްވަރާކޮށްފައެވެ.

ރާއްޖޭގެ ސިއްހީ މަރުކަޒުތަކަށް 212 ލެބް ޓެކްނީޝަނުން ބޭނުންވާއިރު، ހުހަށް އޮތް 55 ޖާގަ ފިޔަވައި ބާކީ އޮތް 157 ލެބް ޓެކްނީޝަނުންގެ މަގާމުގައި މަސައްކަތްކުރަނީ ބިދޭސީ ޓެކްނީޝަނުންނެވެ. އަދި ނަރުހުންގެ ޖާގައަށް 202 މީހުން ބޭނުންވާއިރު، ރާއްޖޭގެ އެކިކަންކޮޅުތަކަށް މަސައްކަތްކުރާ 1594 ނަރުހުންގެ ތެރޭގައި ބިދޭސީ 1390 ނަރުހުން ހިމެނެއެވެ.

ސްޕެޝަލިސްޓުންގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ ސިއްހީ ދާއިރާއަށް އަދި 66 ސްޕެޝަލިސްޓުންގެ ޖާގަ އޮތީ ހުހަށެވެ.