ސުލްހަވެރިކަމާއެކު މުޒާހަރާތައް ކުރިއަށް ގެންދިއުމަށާއި މުޒާހަރާތަކުގައި މޫނު ނިވާ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ކުރީގެ ރައީސް ނަޝީދުގެ ހައްޔަރާއެކު މާލެތެރެ ހަލަބޮލިވެފައި ވަނިކޮށް ފުލުހުންގެ ވެބްސައިޓުގައި މިއަދު އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ މާލޭގައި ކުރިއަށްދާ އެއްވުންތަކާއި މުޒާހިރާތައް، ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި އާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި ޚިލާފު ނުވާނެ ގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް އިލްތިމާސްކާ ކަމަށެވެ. އަދި އެފަދަ އެއްވުންތަކުގައި ކުޑަކުދިން ބައިވެރިނުކުރުމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.

"މިފަދަ އެއްވުންތަކާއި މުޒާހިރާތަކުގައި 18 އަހަރުން ދަށުގެ ކުދިން ބައިވެރި ނުކުރުމަށާއި ކާކުކަން ނޭނގޭގޮތަށް މޫނު ނިވާކޮށްގެން ތިބުންފަދަ ކަންކަން ނުކުރުމަށްވެސް އިލްތިމާސްކުރަމެވެ." ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމާއި މުޒާހިރާތައް ކުރިއަށް ގެންދިޔުމުގައި ޢަމަލުކުރަން ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް މުޒާހަރާ ކުރުމަކީ ހުރިހާ ފަރާތަކަށް ރައްކާތެރިކަން ލިބޭނެ ގޮތް ކަމަށެވެ.

"އެއްވުންތަކާއި މުޒާހިރާތަކުގައި ބައިވެރިވާ ފަރާތްތަކުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި ވަންނަން މަސައްކަތްކުރާނަމަ އަދި ޤާނޫނާއި ޚިލާފަށް އެއްވުންތަކާއި މުޒާހިރާތަކުގައި އަމަލުތައް ބަހައްޓާނަމަ އެފަދަ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގައިވެސް ދަންނަވަމެވެ." ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.