ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވީޑިއޯ ސާވިސް ކަމަށްވާ "ޔޫޓިއުބް" އިން ކުޑަކުދިންނަށް އަމާޒުކޮށްގެން ހާއްސަ އެޕްލިކޭޝަނެއް ނެރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

"ޔޫޓިއުބް ކިޑްސް"ގެ ނަމުގައި ނެރުމަށް ހަމަޖެހިފައިވާ އެ އެޕްލިކޭޝަނުން "ތޯމަސް ދަ ޓޭންކް އިންޖީން" އަދި "ނޭޝަނަލް ޖޯގްރަފީ"ގެ އިތުރުން "ރީޑިން ރެއިންބޯ" ފަދަ ކުޑަކުދިންނާ ގުޅުންހުރި ޝޯތައް ފެންނާނެ އެވެ. އަދި ކުޑަދިންނާ ނުގުޅޭ މަންޒަރާއި އަޑުތައް ބްލޮކްކޮށްފައިވާނެ ކަމަށް ޔޫޓިއުބުން ބުންޏެވެ.

އެފަދަ އެޕްލިކޭޝަނެއް ހެދުމަށް މަގުފަހިވީ، އެކަމާ ގުޅޭގޮތުން ގިނަ އަދަދެއްގެ ބެލެނިވެރިން، ޔޫޓިއުބަކީ ކުޑަކުދިންނާ އިތުރަށް ގުޅުންހުރި ވަސީލަތަކަށް ހެދުމަށް އެދިފައިވާތީ ކަމަށް އެޕްލިކޭޝަން ތައްޔާރުކުރުމުގެ މަސައްކަތާ ހަވާލުވެ ހުންނެވި ޕްރޮޖެކްޓް މެނޭޖަރު ޝިމްރިތު ބިންޔެއިރު ވިދާޅުވި އެވެ.

ކުޑަކުދިންނަށް ކުޅުމަށް ފަސޭހަވާނެ ގޮތައް ތައްޔާރުކުރާ އެ އެޕްލިކޭޝަނުން، ކުޑަކުދިންނާ ނުގުޅޭ ފަދަ މަންޒަރު އެކުލެވިދާނެ ފަދަ ބަސްތައް ސާޗު ނުކުރެވޭނެ ކަމަށް ޔޫޓިއުބުން ވަނީ ބުނެފައެވެ. އަދި ބެލެނިވެރިން ބޭނުންވާގޮތަށް ބޭނުން ވަގުތަކަށް "ޓައިމަރ"އެެއްގެ އެހީގައި އެ އެޕްލިކޭޝަން ނިއްވައިލެވޭ ގޮތައް ސެޓްކުރެވޭނެ ކަމަށް ވެސް އެމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

މާދަމާ ނެރުމަށް ހަމަޖެހިފައިވާ އެ އެޕްލިކޭޝަން ލިބޭނީ އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކަށެވެ.