ޕެރިސް : ބަނގުރާ ބުއިމުގެސަބަބުން ކުރިމަތިވާ ސިއްޙީ މައްސަލަތަކާގުޅިގެން ދުނިޔޭގައި އަހަރަކު 2.5 މިލިޔަން މީހުން މަރުވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިޔޫ.އެޗް.އޯ. އިން ބުނެފިއެވެ.

މިޖަމްޢިއްޔާއިން ނެރުނު ރިޕޯޓެއް ބުނާގޮތުން އަހަރެއްގެ ތެރޭގައި ދުނިޔެއިން މަރުވާމީހުންގެ ތެރެއިން ހަތަރު ޕަސެންޓް މީހުން މަރުވަނީ ބަނގުރާ ބުއިމުން ޖެހޭ ބަލިތަކުގައެވެ. މިއާއެކުވެސް ބަނގުރާ ބޯމީހުންގެ ޢަދަދު ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ދަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް އޭޝިޔާ އަދި އެފްރިކާގެ ގިނަ ޤައުމުތަކުގައި ބަނގުރަލަށް ދެވިހިފާމީހުންގެ ނިސްބަތް އިތުރުވަމުންދާ ކަން މިރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

ބަނގުރާ ބުއިމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ތެރޭގައި ލިވަރ ނުވަތަ ޗިސްމޭ ހަލާކުވުމުގެ ބައްޔާއި ހިތާއި ނާރުތަކުގެ ބައްޔާއި ހަނދާންނެތުންފަދަ ސިކުނޑީގެ ބަލިތައް ހިމެނޭ ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. އަދި ބަނގުރާ ބުއިމާއެކު މަސްތުވުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގެ ތެރޭގައި އެކްސިޑެންޓްތައްގިނަވެ އެކްސިޑެންޓްތަކުގެ ސަބަބުން އެތަށްހާސް ބަޔަކު ކޮންމެ އަހަރަކުވެސް މަރުވަމުންދާ ކަމަށާއި އެތަށްލައްކަބަޔަކަށް ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި އަނިޔާތައް ލިބެމުންދާ ކަމަށް މިރިޕޯޓް ބުނެއެވެ. -- އަލްޢާލަމް