22 Feb 2015, 16:17
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މާދަމާ ބާއްވަން ނިންމައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައި ވަނީ މާދަމާ 4:00 އަށެވެ.
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ އެމަނިކުފާނުގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައިގެން، ސިފައިން މެދުވެރިކޮށް އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވާތީ އެވެ.
އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި މިހާރުގެ ޑިފެންސް މިނިސްޓަރު މޭޖާ މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ އާއި ރިޓަޔާޑު ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.
ކުރިން އެ ފަސް ބޭފުޅުންގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އުފުލާފައި ވަނީ ގާނޫނާ ޚިލާފަށް ގަސްދުގައި މީހަކު ހައްޔަރުކުރުމުގެ ދައުވާ އެވެ. އެހެންނަމަވެސް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ އެ މައްސަލަ އަނބުރާ ގެނައުމަށް ފަހު އެވެ.