22 Feb 2015, 16:02
ހެންވޭރު އަޑިޕާކްގައި ވަޅިން ހަމަލާދީ މަރާލި ނ. މިލަދޫ ދިއްގާމާގޭ އަހްމަދު މާޒިން މަރާލި މައްސަލައިގެ ޝަރީއަތް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން ސިއްރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ސަން އަށް ވިދާޅުވީ މިއަދު 2:00ގައި ބޭއްވި ޝަރީއަތް ސިއްރުކޮށްފައި ވަނީ ޕީޖީ އޮފީހުން އެދިގެން ކަމަށެވެ.
"އެންމެ ފަހު ވަގުތު ޕީޖީ އޮފީހުން އެދުނީ ޝަރީއަތް ސިއްރުކޮށްދިނުމަށް،" މަނިކު ވިދާޅުވި އެވެ.
އެ މައްސަލަ ސިއްރުކުރިކަން އަންގާފައި ވަނީ ޝަރީއަތް އަޑުއަހަން ނޫސްވެރިން ކްރިމިނަލް ކޯޓުގައި ގަޑިއެއްހާއިރު ހޭދަކުރިފަހުންނެވެ.
މާޒިން މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ހއ. ބާރަށް މުޝްތަރީގޭ ހާނިފް އިމްތިޔާޒު އާއި އއ. މާޅޮސް މީނާޒު އިސްމާއީލް އުޝާމް އާއި ގއ. ދެއްވަދޫ ދޭލިޔާގޭ މިދުހަތު އިބްރާހީމްގެ އިތުރުން ތ. ވިލުފުށީ ނަލަހިޔާގޭ މޫސާ ހުސައިންގެ މައްޗަށް ކަމަށެވެ. އެ އެންމެންގެ މައްޗަށް ވެސް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.