22 Feb 2015, 14:10
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމު ދިރިއުޅުއްވާ އެ ޕާޓްމެންޓް ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ގާނޫނާ ހިލާފަށް ނެރިފައިވާ އަމުރެއް ކަމަށް ބުނެ ނާޒިމްގެ ގާނޫނީ ޓީމުން ހައިކޯޓަށް ހުށައެޅި އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ބަލައިގަނެފި އެވެ.
ނާޒިމްގެ ގާނޫނީ ޓީމުގެ އޮފިޝަލް ޓުވިޓާ އެކައުންޓުން މިއަދުކޮށްފައިވާ ޓުވީޓެއްގައި ބުނީ ނާޒިމު ދިރިއުޅުއްވާ ޕާޓުމެންޓް ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފަށް ހުށައެޅި މައްސަލަ ހައިކޯޓުން ބަލައިގެންފައިވާ ކަމަށެވެ.
ނާޒިމްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓް ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ފުލުހުން ފާސްކުރުމުންނެވެ. ކޯޓު އަމުރުގެ ދަށުން ނާޒިމުގެ އެޕާޓުމެންޓް ބަލައި ފާސްކުރުމުން ހަނގުރާމަވެރި ހަތިޔާރު އެތަނުން ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓުމެންޓް ފާސްކުރުމަށް ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އިރު މީގެ ކުރިން ނާޒިމު ހައްޔަރުކުރަން ނެރުނު އަމުރާއި ބަންދުގައި ބަހައްޓަން ކުރި އަމުރު ވެސް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެ އެވެ. ނަމަވެސް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކީ ރަނގަޅު އަމުރެއް ކަމަށް ނިންމައި އެ އަމުރަށް ތާއީދުކޮށްފަ އެވެ.
ނާޒިމް ހައްޔަރު ކުރުމަށް ނެރުނު އަމުރާއި ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއިދު ކުރުމުން، ނާޒިމްގެ ގާނޫނީ ޓީމުން ވަނީ އެ ދެ މައްސަލަ ސުޕްރީމު ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފަ އެވެ.