އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވީއެސްއީކޮމް) އިން އިންތިޒާމްކޮށްގެން ބާއްވާ 50 ވަނަ ބޭސިކް އޭވިއޭޝަން ސެކިއުރިޓީ ކޯސް ފަށައިފި އެވެ.

އޭވިއޭޝަން ސެކިއުރިޓީ އިން މީގެ 24 ކުރިން ފެށި އެ ޕްރޮގްރާމް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާއިރު 50 ވަނަ ބޭސިކް ކޯސް ފަށާފައި ވަނީ މިއަދު އެވެ. ޖުމްލަ 22 ދަރިވަރުން ބައިވެރިވެގެން ކުރިއަށް ގެންދާ އެ ކޯސް ނިމުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 17 ގައި ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ވަނީ ބުނެފަ އެވެ.

އެ ކޯސް ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން ލެފްޓިނެންޓް ކާނަލް އިބްރާހިމް ހިލްމީ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އަސާސީ ތަމްރީނަކީ ކޮންމެ މުއައްސަސާއެއްގައި މަސައްކަތް ކުރާ އެންމެނަށް ވެސް އެންމެ މުހިއްމު ކަންތައް ކަމަށެވެ.

"އަސާސީ ތަމްރީނަކީ ކޮންމެ މުއައްސަސާއަކަށް ބަލާލި އަސް އެންމެ މުހިއްމު ކަންތައް. ސަބަބަކީ އެ ތަމްރީނުގެ މަރުހަލާ އިން މި މަސައްކަތް ކުރާ މަސައްކަތް ކުރުން ބައްޓަން ވެގެން އަންނަނީ. އެ ގާބިލުކަން ގެނައުމަށް ޓަކައި މަސައްކަތް ކުރަމުން މިއަންނަނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފަކަށް ވުމަށް އެ ބޭސިކް ކޯސް ހެދުން ލާޒިމް ކަމަށާއި އެ ކޯސް ނުހަދައިފި ނަމަ އެތަނުގެ މުވައްޒަފަކަށް ނުވެވޭނެ ކަމަށެވެ.

އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުން ތަމްރީން ކުރާ އެ ކޯހަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ކޯހެކެވެ. ފަސިންޖަރުންގެ ލަގެޖުގެ ސްކްރީނިންގައި ހަރަކާތްތެރިވާ އެ އޮފިސަރުންނަކީ ފަސިންޖަރުންގެ ރައްކާތެރި ކަމުގައި 24 ގަޑިއިރު މަސައްކަތް ކުރާ ބައެއް ކަމަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުންޏެވެ.