ރާއްޖޭގެ އެންމެ ބޮޑު ފުޓްސެލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން އަދި ފިރެހެން ބައިގެ ގުރުލުން ރޭ ދަރުބާރުގޭގައި ބާއްވައިފި އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މުބާރާތުގެ ގުރު ނެގީ އެ މުބާރާތުގެ ސްޕޮންސަރުންނާއި ޕާޓްނަރުންނެވެ. ސަރުކާރުގެ އޮފިސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކްލަބް މޯލްޑިވްސް ކަޕްގެ ފިރެހެން ބައިގައި މިފަހަރު 36 ޓީމެއް ވާދަކުރާ އިރު، އެ މުބާރާތުގެ އަންހެން ބައި ކަމަށްވާ 30/18 ވިމަންސް ފުޓްސެލް ފިއެސްޓާގައި މިފަހަރު 12 ޓީމެއް ވާދަކުރާ ކަމަށް ކްލަބް މޯލްޑިވްސް އިން ވަނީ މައުލޫމާތު ދީފަ އެވެ.

މިފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި މުބާރާތުގެ ގަދަ ބާރުތައް ކަމަށްވާ އެމްޕީއެލް އާއި ބީއެމްއެލް، ދިރާގު އަދި މީރާ، އެ ހަތަރު ޓީމުވެސް ލައްވާލާފައި ވަނީ ގްރޫޕް 'ބީ' ގަ އެވެ. އަދި އެ މުބާރާތް އެންމެ ފަހުން ކާމިޔާބު ކުރި އެސްޓީއޯ ގްރޫޕް 'ސީ'ގައި ހިމެނޭ އިރު، އެ ގްރޫޕްގައި ދެން ހިމެނޭ ޓީމްތަކަކީ ސިވިލް ކޯޓް، ފިނޭންސް އަދި ގައުމީ ޔުނިވާސިޓީ އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް 'އޭ'ގައި ހިމެނޭ ޓީމްތަކަކީ ފިއުލް ސަޕްލައި އާއި ފެނަކަ، އެމްއެމްއޭ އަދި މޯލްޑިވްސް ގޭސް އެވެ. އަދި ގްރޫޕް 'ޑީ'ގައި ސިޓީ ކައުންސިލާއި ރައީސް އޮފީސް، މޯލްޑިވިއަން އަދި އެޗްޑީސީ ހިމެނޭއިރު، ގްރޫޕް 'އީ'ގައި ހިމެނެނީ އެމްޓީސީސީ، ކަސްޓަމްސް، ޔޫތު މިނިސްޓްރީ އަދި މެޓް އޮފީހެވެ.

މުބާރާތުގެ ގްރޫޕް 'އެފް'ގައި އިމިގްރޭޝަން، ސްޓެލްކޯ، އެމްއެންޑީއެފް އަދި ހޯމް އެފެއާޒް ހިމެނޭއިރު، ގްރޫޕް 'ޖީ'ގައި ހިމެނެނީ އެއާޕޯޓާއި އެމްއެޗްއައި، އެޗްޕީއެސްއެން އަދި އައިޖީއެމްއެޗް އެވެ. އަދި މުބާރާތުގެ ގްރޫޕް 'އެޗް'ގައި އެމްއާރްޑީސީ، ފެން ކްލަބް، ޕީޖީ އޮފީސް އަދި އެމްއައިއޭ ހިމެނޭ އިރު، އެންމެ ފަހު ގްރޫޕް ކަމަށްވާ ގްރޫޕް 'އައި'ގައި ހިމެނެނީ ޕޮލިސް، އެލައިޑް އިންޝުއަރެންސް، ޑީޖޭއޭ އަދި މީޑިއާނެޓް އެވެ.

ކްލަބް މޯލްޑިވްސް ފުޓްސެލް މުބާރާތުގެ އަންހެން ބައި ކަމަށްވާ ވިމެންސް ފުޓްސެލް ފިއެސްޓާގެ އެންމެ ފަހުގެ ޗެންޕިއަން ސިފައިން މިފަހަރު ހިމެނެނީ ގްރޫޕް 'އޭ'ގައި ދިރާގު، އެއާޕޯޓް އަދި އިމިގްރޭޝަނާ އެކު އެވެ. އަދި އަންހެން ބައިގެ ގްރޫޕް 'ބީ'ގައި އޭޑީކޭ، ފެނަކަ، ކަސްޓަމްސް އަދި އެސްޓީއޯ ހިމެނޭއިރު، މިދިޔަ އަހަރުގެ ރަނަރަޕް ޕޮލިސް އާއެކު ގްރޫޕް 'ސީ'ގައި ހިމެނެނީ އެމްއީއީއައި، ޕީޖީ އޮފީސް އަދި އެމްއާރްޑީސީ އެވެ.

ކްލަބް މޯލްޑިވްސް ކަޕް 2015 ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މާޗް 14 ވަނަ ދުވަހުން ފެށިގެން އޭޕްރިލް 18 ވަނަ ދުވަހާ ހަމައަށެވެ.