22 Feb 2015, 13:21
އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީކޮށްފައި ނުވާ ވިޔަފާރިތައް ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް އިލްތިމާސް ކުރައްވައިފި އެވެ.
ސަން އާއި ވާހަކަދައްކަވަމުން ވިސާމް ވިދާޅުވީ އެ މިނިސްޓްރީން މިހާރު ވެސް ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ.
ވިސާމް ވިދާޅުވީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނީ އެ މިނިސްޓްރީން އެކަން ބެލުމަށް ހަރަކާތްތެރިވާ ޓީމުތަކަށް އެކަން ފާހަގަ ކުރެވެމުން ކަމަށެވެ.
"އަޅުގަނޑުމެން ވިސްނާފަ އޮތީ މާލެ އާއި އަތޮޅު ތެރޭގައި ވެސް އިންސްޕެކްޝަން ކުރިޔަށް ގެންދަން. އެގޮތަށް ހަރަކާތްތެރިވާ ޓީމަކަށް ވިޔަފާރިއެއް ރަޖިސްޓްރީނުކޮށް ހުރި ކަމަށް ފާހަގަ ވެއްޖެއްޔާ ޖޫރިމަނާ ކުރެވޭނެ،" މަރިޔަމް ވިސާމް ވިދާޅުވި އެވެ.
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް 10،000 ރުފިޔާ އިން ޖޫރިމަނާ ކުުރުމުގެ ބާރު އިކޮނަމިކް މިނިސްޓްރީ އަށް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުން ވަނީ ދީފަ އެވެ.
އެހެންނަމަވެސް އަދި އިންސްޕެކްޝަން ޓީމްތައް ހަރަކާތްތެރިވާން ނުފަށާ ކަމަށް ވިސާމް ވިދާޅުވި އެވެ.
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ މުއްދަތު މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައި ވީނަމަވެސް ރަޖިސްޓްރީ ކުރަންދާ ފަރާތްތަކަށް ޖޫރިމާނާއަކާ ނުލާ ފޯމް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.