ގިނަ ދެ ބަސްވުންތަކަކަށްފަހު ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ހިންގުން ހަވާލުކުރި އިންޓެރިމް ކޮމިޓީން މިއަދު އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން ތައްޔާރު ވެއްޖެ އެވެ.

އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ކެރަމް އެސޯސިއޭޝަންގެ އިންޓެރިމް ކޮމިޓީގެ މެންބަރު މުހައްމަދު އަނީސް ވިދާޅުވީ މިއަދު ހަވީރު 17:00 ގައި ހެންވޭރު ބޯޅަ ގޭގައި އެ އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން ފައިނަލް ކޮށްފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން އެސޯސިއޭޝަންގެ އިންތިހާބު ބާއްވަން ފައިނަލް ކޮށްފިން. އިންތިހާބު ލަސްވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ކެރަމް އެސޯސިއޭޝަންގެ މެންބަރުންގެ ލިސްޓު ފައިނަލް ކުރަން އަޅުގަނޑުމެނަށް ދިމާވި ދަތިތަކުގެ ސަބަބުން. އަޅުގަނޑުމެން އައިސީއެފްގަ އެދިގެން އިންތިހާބު ބާއްވަން އެކްސްޓެންޝަނެއް ހޯދީ ލިސްޓު ފައިނަލްވި އިރު، ވޯޓުލާ ދުވަހާ މާ ގާތްވެފައި ވުމުން އެކަމާމެދު ބައެއް ބޭފުޅުންގެ ހިންހަމަ ނުޖެހުންތަކެއް ހުރެގެން،" އަނީސް ވިދާޅުވިއެވެ.

އަނީސް ވިދާޅުވީ މިހާރު އިންތިހާބު ބާއްވަން ނިންމާފައި ވަނީ "އެންމެ ސައްހަ ކަމަށް ބެލެވޭ ލިސްޓު" އާންމު ކުރުމަށް ފަހު ކަމަށާއި، އިންތިހާބު ކުރިއަށް ގެންދަން ނިންމާފައި ވަނީ އައިސީއެފް އާއި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ މަޝްވަރާގެ މަތިން ކަމަށެވެ.

"ހަގީގަތުގައި އިންޓެރިމް ކޮމިޓީއަކާ ހަމައަށް މި އެސޯސިއޭޝަން ދާން ޖެހުނީވެސް މެނަބްރުންގެ ލިސްޓުގައި މައްސަލަތައް އުޅޭތީ. މީގެ ކުރިން ބޭއްވި އިންތިހާބު އައިސީއެފް އާއި ސްޕޯޓްސް ކައުންސިލުން ބަލައިގެންފައި ނުވަނީ ލިސްޓުގަ މައްސަލަތަކެއް އުޅުމުގެ ސަބަބުން. ނަމަވެސް މިހާރު އަޅުގަނޑުމެން މި ވަނީ ގިނަ ދަތިތަކަކާ އެކު އެންމެ ސައްހަ ކަމަށް ބެލެވޭ ލިސްޓް ފައިނަލް ކޮށްފަ. ލިސްޓު ފައިނަލް ކުރުމާއި އިންތިހަބުގެ ހުރިހާ ކަމެއްވެސް އަޅުގަނޑުމެން ކުރިއަށް ގެންދިޔައީ އައިސީއެފް އާއި ރާއްޖޭގެ ސްޕޯޓްސް ކައުންސިލްގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއާސް އާއި އޮލިމްޕިކް ކޮމިޓީއާ މަޝްވަރާ ކުރުމަށް ފަހު،" އަނީސް ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ހަތަރު މުއައްސަސާ އިން އިންތިހާބުގެ ހުރިހާ ކަމެއް ވެސް މޮނިޓާ ކުރާނެ ކަމަށް އަނީސް ވިދާޅުވި އެވެ.

ކެރަމް އެސޯސިއޭޝަންގެ ޗެއާމަން ކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަކީ އެ އެސޯސިއޭޝަންގެ ކުރީގެ ހިންގާ ކޮމިޓީގެ ރައީސް އަހުމަދު މުބީން އާއި މުހައްމަދު ނަދީމް އެވެ. އަދި ވައިސް ޗެއާމަން ކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަކީ އިބްރާހިމް މޫސާ އާއި އަހުމަދު މާހިރެވެ.

އޭގެ އިތުރުން އެ އެސޯސިއޭޝަންގެ ހަޒާންދާރުގެ މަގާމަށް ހުސެއިން ރަޝީދު ވަނީ ކުރިމަތި ލާފަ އެވެ. އަދި ހިންގާ ކޮމިޓީގެ މެންބަރުންނަށް ކުރިމަތިލާފާއިވާ ފަރާތްތަކަކީ އިސްމާއިލް ސަލީމް އާއި ހަސަން އިސްމާއިލް އަދި އަހުމަދު އާޒިމް އެވެ.

ޗެއާމަން އާއި ވައިސް ޗެއާމަންގެ މަގާމު ފިޔަވާ އެހެން ހުރިހާ މަގާމަކަށް އަދަދު ހަމަވާވަރަށް ކެޑިޑޭޓުން ކުރިމަތިލާފައި ވުމުން، އެ މަގާމުތަކަށް ލާން ހަމަޖެހިފައި ވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.