ދިވެހި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އިން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފިކުރުތަކަށް ތާއީދު ނުކުރާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި މިވަގުތު ހުންނެވި، ކުރީގެ ރައީސް މަހައްމަދު ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު ހާމިދު އަބްދުލްގަފޫރު އިންޑިއާގެ ނޫސްތަކަށް އިއްޔެ ދެއްވި އިންޓަވިއުގެ ރަށްދުގައި ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އިން އައިއެސް އަށް ތާއީދު ނުކުރާ ކަން މީގެ އެތައް ފަހަރަކު ވެސް ހާމަކޮށްފައިވާނެ ކަމަށެވެ.

މިނިސްޓަރު ޝަހީމް ވަނީ ނަސީމްއާ ހާމިދު އިންޑިއާގެ ނޫސްތަކަށް ދެއްވި އިންޓަވިއު ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފަ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ދަ އިންޑިއަން އެކްސްޕްރެސް އަށް ހާމިދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ޓެރަރިޒަމަށް ރާއްޖެ އިން ފަންޑް ކުރާކަން އެނގޭ ކަމަށެވެ.

އިންޑިއާގެ ނޫހަކަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވަނީ ހަނގުރާމަތަކަށް ރާއްޖޭގެ މީހުން ފޮނުވުމުގައި އިސްލާމިކް މިނިސްޓަރު ޝަހީމްގެ ބައިވެރިވުން އޮންނަ ކަމަށް ވެސް ތުހުމަތު ކުރައްވައިފަ އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ އަންހެނުންނާއި މުސްކުޅިން އަދި ކުޑަކުދިން ގަތުލު ކުރަމުން އަންނަ "މަޒްހަބީ ހަނގުރާމަތަކުގައި" ބައިވެރިނުވުމަށް ގޮވާލާފައި އެވެ.

ޝަހީމް ވިދާޅުވީ އެފަދަ ހަނގުރާމަތަކުން ދުރުހެލިވާން ޖެހޭ ކަމަށެވެ. އެފަދަ ކަންކަމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެފަދަ މަޒްހަބީ ހަނގުރާމަތަކުން ހުރިހާ މުސްލިމު ޒުވާނުން ދުރުހެލިވުމަށް ޝަހީމް ވަނީ ގޮވާލައްވާފައި އެވެ.

ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށްދާ ދިވެހިންގެ އަދަދު މިހާރު ދަނީ އިތުރުވަމުން ނެވެ. އަދި އޭގެތެރެއިން ބައެއް މީހުން އަނބުރާ ރާއްޖެ ވެސް ވަނީ ގެނެސްފަ އެވެ.