22 Feb 2015, 12:24
ނޫސްވެރިކަމުގެ މަސައްކަތުގައި މިދިޔަ އަހަރު އެންމެ މޮޅު ނޫސްވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭން ނިންމާފައިވާ ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ނޫސްވެރިކަމުގެ އިނާމަށް ނަން ހުޅަހެޅުމަށް ހުޅުވާލާފައި ވަނީ ތިން ދާއިރާއަކުންނެވެ. އެއީ ޓީވީ ސްޓޭޝަންތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށާއި އޮންލައިން/ޕްރިންޓް މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިންނަށާއި ރޭޑިއޯތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށެވެ.
އެ ތިން ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކުން އެންމެ މޮޅު ނޫސްވެރިޔާ ހޮވާނީ އެމްއެމްސީން ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އެ ޕެނަލުގައި މީޑިއާ ކައުންސިލްގެ މެމްބަރުން ނުހިމެނެ އެވެ.
އެމްއެމްސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީޑިއާ ކައުންސިލުގެ ރައީސް މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ނޫސްވެރިންނަށް ހާއްސަކޮށްގެން ދޭ އެ އިނާމަކީ ނޫސްވެރިން ތަރައްގީކޮށް ނޫސްވެރިންނަށް ހިތްވަރުދީ ނޫސްވެރިކަން ވީހާ ވެސް ފުޅާދައިރާއެއްގައި މިނިވަންކަމާ އެކު ކުރެވޭނެ މަގުފަހިކޮށްދިނުމަށް ދެވޭ އިނާމެއް ކަމަށެވެ.

މީޑިއާ ކައުންސިލްގެ މެމްބަރު މުހައްމަދު އާމިރު އަހުމަދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް މޭ މަހުގެ ތިން ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 22 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ވަކި ވަކި ނޫސްވެރިންނަށާއި ނޫސްވެރިޔާގެ ނަން އެހެންފަރާތަކުން އަދި ނޫސްވެރިޔާ މަސައްކަތްކުރާ މުއައްސަސާ އިން ވެސް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އާމިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެގޮތުން ނަން ހުށަހަޅާ ކޮންމެ ނޫސްވެރިޔަކަށް ފަސް ހަބަރު އަދި ފަސް ރިޕޯޓު ހުށަހެޅިދާނެ ކަމަށެވެ.
ހަމައެކަނި ހަބަރު ހުށަހަޅަން ބޭނުންވާ ނޫސްވެރިއަކަށް މަދުވެގެން 10 ހަބަރު ހުށަހަޅަން ޖެހޭނެ ކަމަށާއި ހަމައެކަނި ރިޕޯޓް ހުށަހަޅަން ބޭނުން ނޫސްވެރިއަކަށް މަދުވެގެން 10 ރިޕޯޓު ހުށަހަޅަން ޖެހޭނެ ކަމަށް އާމިރު ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ނޫސްވެރިންނަކި ރޭޑިއޯގެ ނޫސްވެރިއެއް ނަމަ އޯޑިއޯއާ އެކު، އަދި ޓީވީ ނޫސްވެރިއެއް ނަމަ އަޑާއި މަންޒަރު ހިމެނޭ ގޮތަށް ވީޑިއޯއާ އެކު ހަބަރާއި ރިޕޯޓު ހުށަހަޅަންޖެހެ އެވެ. އޮންލައިން ނުވަތަ ޕްރިންޓް ނޫސްވެރިއެއް ނަމަ ހަބަރުތަށް ދައްކުވައިދޭ މެޓީރިއަލް އެއް ފޯމާ އެކު ހުށަހަޅަން ޖެހެ އެވެ. އަދި އިނާމަށް ނަން ހުށަހަޅާ ފަރާތްތަށް ވާންޖެހޭނީ މަދުވެގެން ނުވަ މަސް ދުވަހު ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެފައިވާ ބަޔަކަށެވެ. ނޫސްވެރިކަމުގެ އިނާމަށް އެދި ހުށައަޅާ ފޯމު އެމްއެމްސީ އަދި އެ ކައުންސިލުގެ ވެބްސައިޓާއި ގެޒެޓުން ލިބެން ހުންނާނެ އެވެ.
ވޭތުވެ ދިޔަ އަހަރު ބޭއްވުނު ނޫސްވެރިކަމުގެ އިނާމު ތިން ދާއިރާއަކުން ހުޅުވާލި ނަމަވެސް އިނާމު ދީފައި ވަނީ ދެ ދާއިރާއަކުންނެވެ. އޮންލައިން ނޫސްވެރިކަމުގެ ދާއިރާއިން އިނާމު ހާސިލްކޮށްފައި ވަނީ ހަވީރުގެ ނޫސްވެރިޔާ ފަޒީނާ އަހުމަދެވެ. އަދި ރޭޑިއޯ ނޫސްވެރިކަމުގެ ދާއިރާ އިން އިނާމުު ހާސިލްކޮށްފައި ވަނީ ދިވެހިރާއްޖޭގެ އަޑުން ނައުޝާދު އަހުމަދު އެވެ. ޓީވީ ނޫސްވެރިކަމުގެ ދާއިރާއިން އެކަށީގެންވާ މެޓީރިއަލް ހުށައަޅާފައި ނުވާކަމަށް ބުނެ އެ ދައިރާ އިން މިދިއަ އަހަރު އިނާމު ދީފައެއްނުވެ އެވެ.
