22 Feb 2015, 10:39
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސްލްއާ ދެކޮޅަށް ކުޅުނު މެޗު 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކާމިޔާބު ކުރިއިރު، ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީ ބާންލީއާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރު ވެއްޖެ އެވެ.
ރޭ ސިޓީ އާއި ނިއުކާސްލް ވާދަކުރި މެޗުގައި ސިޓީ ލީޑު ނެގީ މެޗު ފެށިތާ ދެ މިނެޓު ތެރޭގައެވެ. ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ސިޓީއަށް އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ސާޖިއޯ އަގުއޭރޯ އެވެ. މެޗުގެ ފުރަތަމަ ވަގުތުކޮޅު ގޭމް ކޮންޓްރޯލް ކުރަމުން ދިޔަ ސިޓީއަށް ލީޑު އިތުރަށް ފުޅާކޮށްލަދިނީ 12 ވަނަ މިނެޓުގައި ސާމިރު ނަސްރީ އެވެ.
މެޗުގެ ފުރަތަމަ 20 މިނެޓުތެރޭ ސިޓީ ވަނީ ނިއުކާސްލްގެ ޑިފެންސް ފޫއަޅުވާލާ، އެ ޓީމްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އަދި މެޗުގެ 21 ވަނަ މިނެޓުގައި އެޑިން ޒެކޯ ސިޓީގެ ލީޑު ތިން ލަނޑަށް ފުޅާކޮށްލި އިރު، ފުރަތަމަ ހާފްގައި އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފް ނިއުކާސްލް ފެށީ ރަނގަޅު ހަމަލާއަކާއެކު އެވެ. ނަމަވެސް އެ ޓީމަށް ސިޓީގެ ގޯލް ފޫއަޅުވާލެވޭ ގޮތް ނުވިއިރު، ދެވަނަ ހާފް ފެށިތާ ހަ މިނެޓުތެރޭ ސިޓީ ވަނީ އެ ޓީމްގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ 51 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ އެ ޓީމަށް އެ ލަނޑު ކާމިޔާބު ކޮށްދިން އިރު، އޭގެ ދެ މިނެޓު ފަހުން ސިޓީގެ ފަސްވަނަ ލަނޑުވެސް ކާމިޔާބު ކުރީ ސިލްވާ އެވެ.
ސިޓީއާ ހިލާފަށް ރޭ ޗެލްސީ ކުޅުނު މެޗުގައި އެ ޓީމް ފުރަތަމަ ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފްގައި އެ ޓީމަށް ވަނީ އިތުރަށް ލީޑު ފުޅާކޮށްލެވޭ ގޮތް ނުވެފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ޗެލްސީގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ ސާބިއާ ޑިފެންޑަރު ބްރަނިސްލަވް އިވަނޮވިޗް އެވެ.
ޗެލްސީއަށް ލިބުނު ލީޑާއެކު ލީގުގެ ރެލިގޭޝަން ޒޯންގައި މިހާރު އޮތް ބާންލީ ކުރިއަށް ޖެހިލައި ރަނގަޅު ދެ ހަމަލާއެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް، އެ ދެ ހަމަލާވެސް އެ ޓީމަށް ވަނީ ޗެލްސީގެ ގޯލަށް އަމާޒުކުރެވޭ ގޮތް ނުވެފައެވެ.
ފުރަތަމަ ހާފްގައި ޗެލްސީ އުފައްދަން މަސައްކަތްކުރި ހަމަލާތައް ބާންލީގެ ހަތަރު ޑިފެންސިވް ކުޅުންތެރިން ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ.
ދެވަނަ ހާފްގެ ފުރަތަމަ ވަގުތުކޮޅު ދެ ޓީމްވެސް ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. މެޗުގައި ޗެލްސީގެ ނަސީބު ބަދަލުވެގެން ދިޔައީ 70 ވަނަ މިނެޓުގައި އެ ޓީމްގެ ނަމެންޔާ މަޓިޗ،ް ބާންލީގެ ސްޓްރައިކަރު ބާންސް ކޮށްޕާ ވައްޓާލުމާ ގުޅިގެން އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.
މެޗުގެ ފަހު 20 މިނެޓު 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ޗެލްސީގެ ޑިފެންސް ބާންލީއަށް ފޫއަޅުވާލެވޭ ގޮތްވީ 81 ވަނަ މިނެޓުގަ އެވެ. ބާންލީއަށް ލިބުނު ކޯނަރަކުން ނެގި ބޯޅަ ޗެލްސީގެ ގޯލުގެ ތެރެއަށް ފޮނުވާލައި، އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ބެން މީ އެވެ. މެޗުގެ ފަހު ވަގުތުކޮޅުވެސް ބާންލީ ވަނީ ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް އެ ޓީމަށް ވަނީ މެޗުގެ ލީޑު ނެގޭގޮތް ނުވެފައެވެ.
ރޭގެ މެޗުން އެއްވަރުވި ނަމަވެސް ލީގު ތާވަލް އަދިވެސް ފަސް ޕޮއިންޓާއެކު ލީޑު ކުރަމުން ދަނީ ޗެލްސީ އެވެ. އެ ޓީމު މިހާތަނަށް 60 ޕޮއިންޓު ހޯދާފައި ވާއިރު، ރޭގެ ތިން ޕޮއިންޓާއެކު މުޅިއަކު 55 ޕޮއިންޓު ހޯދި ސިޓީ އޮތީ ތާވަލްގެ ދެވަނައިގައެވެ. އަދި 32 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައި ނިއުކާސްލް މިހާރު އޮތްއިރު، 22 ޕޮއިންޓާއެކު ބާންލީ އޮތީ ތާވަލްގެ އެންމެ ފުލުން ތިން ވަނައިގަ އެވެ.