ނިޔުޔޯކް (ފެބްރުއަރީ 22) : ދެވަނަ ބޮޑުހަނގުރާމައަށް ފަހު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިންސާނީ ފަސް ކާރިސާ އާ އެއްފަހަރާ މިހާރު ކުރިމަތިލާންޖެހިފައިވާ ކަމަށާއި މިހާ ގޮންޖެހުންބޮޑު ދުވަސްވަރެއް މިހާތަނަށް ފެނިފައިނުވާ ކަމަށް އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް އިން ބުނެފި އެވެ.

މިޕްރޮގްރާމްގެ އެގްޒެކެޓިވް ޑައިރެކްޓާ އާތަރިން ކުޒީން ވިދާޅުވީ ސޫރިޔާގެ ރެފިއުޖީންގެ މައްސަލައަކީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު އިންސާނީ ކާރިސާ ކަމަށާއި މީގެ އިތުރުން އިރާގުގެ ރެފިއުޖީންގެ މައްސަލައާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކާއި ދެކުނު ސޫދާނުގެ ހަނގުރާމަތަކާއި އެބޯލާ ބަލީގެ ކާރިސާއަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު އިންސާނީ ފަސް ކާރިސާ ކަމުގަ އެވެ. މި ފަސް ކާރިސާގެ ސަބަބުން ކާބޯތަކެއްޗަށް ޖެހިފައިވާ 40 މިލިޔަނަށް ވުރެ ގިނަ މީހުން ތިބިއިރު މިއެންމެންނަށް ބޭނުންވާ ކާބޯތަކެއްޗާއި ފެން ފޯރުކޮށްދިނުމަށް ވޯލްޑް ފުޑް ޕްރޮގްރާމް ނުކުޅެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފަސް ކާރިސާގެ އިތުރުން ޔުކްރޭންގެ ދާޚިލީ ހަނގުރާމައާއި ލީބިޔާގެ މައްސަލައާއި ސޯމާލިޔާގެ މައްސަލައާއި ނައިޖީރިޔާއާއި ޔަމަންގެ މައްސަލަތަކަކީ ވެސް އާދަޔާ ޚިލާފު ބޮޑެތި މައްސަލަތަކެއްކަން ކުޒީން ފާހަގަ ކުރެއްވި އެވެ. އަދި މި މައްސަލަތަކުގެ ސަބަބުން ޙާލުގައި ޖެހިފައިވާ ރެފިއުޖީންނާއި ކާބޯތަކެއްޗަށް ޖެހިފައިވާ މީހުންގެ އަދަދު މަތިވެ ވޯލްޑް ފުޑް ޕްރޮގްރާމަށް އެކަހެރިގޮތެއްގައި ކުރިމަތި ނުލެވޭވަރަށް ކާބޯތަކެއްޗާއި ސާފުބޯފެން ފޯރުކޮށްދިނުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށާ ހަނގުރާމަތައް ހިނގަމުންދާ ސަރަހައްދުތަކުގައި ދިރިއުޅޭ ރެފިއުޖީންނަށް ފެނާއި ކާބޯތަކެއްޗާއި އެނޫން ވެސް އިންސާނީ އެހީ ފޯރުކޮށްދިނުމަކީ ހުރިހާ ގޮތަކުން ވެސް ބޮޑު ގޮންޖެހުމެއްކަން ކުޒީން ފާހަގަ ކުރެއްވި އެވެ.

ކުޒީން ވަނީ ވޯލްޑް ފުޑް ޕްރޮގްރާމަށް ފައިސާ ފޯރުކޮށްދިނުމަށް ދުނިޔޭގެ ގައުމުތަކަށާއި ކުންފުނިތަކަށާއި އަދި މުއްސަނދިންނަށް ގޮވާލައްވާފަ އެވެ. މިޕްރޮގްރާމަށް ލިބޭ ފައިސާއަކީ ކުރަން ޖެހޭ ޚަރަދުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދު އެއްޗެކަން ކުޒީން ފާހަގަ ކުރެއްވި އެވެ. (ނޫސްއެޖެންސީތައް)