ދަރުބާރުގޭ ކުރިމަތީ އޮންނަ ގޯޅިގަނޑުގެ ތެރޭގައި ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ މަރާލި ޒުވާނާގެ މައްސަލާގައި އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރޭ މަރުވި ހ. ހަންޑްރެޑްފްލާވާސް، ޖައިލަމް އަހުމަދު ޝާކިރު،24، މަރުވި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅުން ހުރި އިތުރު އެއްވެސް މައުލޫމާތެއް ނުދެއްވަ އެވެ.

އެ ޒުވާނާގެ ހަށިގަނޑުގެ އެތަން މިތަނަށް އެކިވަރުގެ އަނިޔާތަަށް ލިބިފައިވާ އިރު އެންމެ ބޮޑު ޒަޚަމަކަށް ލިބިފައި ވަނީ އޭނާގެ ކަނާތް ފަރާތުން ކަރަށް ވަރަށް ފުންކޮށް ތޫނު އެއްޗެއް ހަރާފައިވުން ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.