އެއީ އިހުޒަމާނުގެ ޖިފުޓިގަނޑެކެވެ. ރާނާފައިހުރީ އުވައިންނެވެ. ދޮރުހުރީ ދަނޑިން ހަދާފަ އެވެ. ގޭތެރެއަށް ވަދެވުނުއިރު ހީވަނީ އަނދިރި ހޮހަޅައަކަށް ވަދެވޭހެންނެވެ. މުޅިގޭތެރޭ އޮތީ ހުސްކުނި ބުންޏެވެ. އެއީ މީދަލާއި ކުރެފި ފަދަ ތަކެތީގެ ހާއްޔެކެވެ. މަސްކައްޓާއި އެފެދަ އެތައް ޒާތެއްގެ އެއްޗެއް އެގޭ ތަޅުންމަތިން ފެންނަން ހުއްޓެވެ. މިޔޮތް ޒަމާނަކު ކަރަންޓުގެ ހިލަމެއް ވެސް އެގޭ ތެރެއިން ފެންނާކަށް ނެތެވެ. ވީރާނާވެފައިވާ އެގޭތެރެއިން ކުއްލިއަކަށް ފެނުނީ ހުމާ ރަތްވެފައި އޮށް ދުވަސްވީ މީހެއް "ދިމާއެނދެއްގެ" މަތީގައި އޮށޯވެގެން އޮތް މަންޒަރެވެ. އޭނާ ބޯއަޅައިގެން އޮތް ބާލީހާއި އޮށޯވެ އޮތް ގޮދަޑިވަނީ ދަމިލަވެފަ އެވެ. މުޅިގެއާއި އޭނާގެ ކިބައިން ވެސް ސިފަވަނީ ވީރާނާ ކަމެވެ. އެއީ ލ. ފޮނަދޫ ކުރިގަމު އަވަށުގެ ބޮޑުރުއްދަށުގޭ 81 އަހަރުގެ އަހުމަދު މުހައްމަދުގެ ހާލެވެ. އެރަށު މީހުން އޭނާ އަށް މުހާތަބް ކުރަނީ އޭނާގެ ނުކުޅެދުންތެރިކަން ހުންނަ ކަންތައްކަމަށްވާ "މަންމަނު"ގެ ނަމުންނެވެ. މިއީ ނުކުޅެދުންތެރިންނަށް އެހީވުމަށް މިދިޔަ ހަފްތާގައި ލ. އަތޮޅަށް ދިޔަ "ދަރުމަވެރިވާށޭ"ގެ ޓީމަށް އޭނާ ފުރަތަމަ ފެނުނު ގޮތެވެ. "އަހަރެންގެ ހަޔާތުގައި ފެނުނު އެންމެ ހިތްދަތި މަންޒަރު އެއީ، އަދިވެސް ސިފަވޭ، އެފަދަ ތަނެއްގައި މީހަކު އޮތީމާ،" ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވާ ދަރުމަވެރިވާށޭގެ އިސްވެރިޔާ އަދި ޑިސްއެބިލިޓީ އެމްބެސަޑަރު އަހުމަދު ހިޝާން އެމަންޒަރު ސިފަކޮށްދެއްވަމުން ވިދާޅުވި އެވެ.

އަހުމަދު މުހައްމަދު އޭނާގެ ޖިފުޓިގަނޑުގައި އެކަނިމާއެކަނި -- ދަރުމަވެރިންގެ ފޮޓޯ/ އަޒްމީ އަލީ

އެގޭތެރޭ އެހެން މަންޒަރުތަކަށް ބަލާއިރު ކުނިވެފައިވާ ކާތަކެތި އަޅާފައި ހުރި ތިން ތައްޓެއް އެތަނުގައި ހުރި ގޮނޑިއެއްގެ މަތިން ވަނީފެނިފަ އެވެ. އެތަކެއްޗަށް ދެ ތިން ދުވަހެއް ވާނީ ވެފަ އެވެ. އެ ކާއެއްޗިއްސަށް ހިނި އަރާފައިވާ އިރު ނުބައިވަސްވެސް ދުވަ އެވެ. މަންމަނުގެ ގޮތުގައި ފުނަދޫ މީހުން މުހާތަބް ކުރާ އަހުމަދު މުހައްމަދުގެ ހާލަތު ހުރީވެސް އެގޮތަށެވެ. މުޅިމީހާ ކިލައިން ތަތްތެޅިފަ އެވެ. މީގެން ޒަމާނެއްގައި ފެންވަރައި ތާހިރުވިހެނެއް ހިޔެއްނުވެ އެވެ. ލައިގެން ހުރި މުންޑަށް ވެސްވީ ޒަމާނެއް ނޭނގެ އެވެ. އެހާ ބާވެ، ކިލާވެފަ އެވެ. "ކޮންމެ ބަޔަކު އޭނަ އަށް ކާންދީފަ އެބަހުރި، ނަމަވެސް އޭނާ އަށް އެކަށީގެންވާ އަޅާލުމެއް ދެވިފައެއް ނެތް، އަޅާލުން ލިބުނު ނަމަ އެކަހަލަ ތަނެއްގައި އޭނާ އޮންނާކަށް ނުޖެހޭނެ." ހިޝާން ވިދާޅުވި އެވެ. އަހުމަދު މުހައްމަދަކީ ނިކަމެތި ހާލުގައި މުޅި ދިރިއުޅުން ވޭތުކުރަމުން އަންނަ މީހެކެވެ. ވާހަކަ ދެއްކުމާއި އަޑުއިވުމުން މަހުރޫމް ވެފައިވުމުކީ އޭނާ ބާކީކޮށްލި ސަބަބެވެ. ޅަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެއީ އޭނާގެ ހާލެވެ. އޭނާގެ ތިމާގެ މީހަަކަށް މިއަދު ތިބީ އެއްބަނޑު މީހުންގެ ދަރިންނެވެ. އެވެސް މާގިނަ ބަޔަކު ނެތެވެ. އޭގެ ތެރެއިން ވެސް އެ ރަށުގައި ހުރީ އެންމެ މީހެކެވެ. އަހުމަދަށް ކާތަކެތި ފޯރުކޮށްދެނީ އޭނާ އެވެ.

އަހުމަދު މުހައްމަދުގެ ޖިފުޑިގަނޑު--

ފޮނަދޫގައި މިވަގުތު ހުރި އަހުމަދު މުހައްމަދުގެ ހަމައެކަނި ތިމާގެ މީހާ ސިފަކުރާގޮތުގައި އުމުރުން ދުވަސްވެފައިވާ އަހުމަދު މުހައްމަދަކީ "ވަރަށް މުޑުދާރު، ބޯހަރު މީހެއް" ކެވެ. އޭނާ ބުނާ ގޮތުގައި އެގޭތެރެ އެހެން އޮންނަނީ އަހުމަދު މުހައްމަދުގެ މުޑުދާރު ކަމުންނެވެ. އޭނާ އަށް އަޅާނުލެވެނީ އޭނާ ބޯހަރުކަމުންނެވެ. "އެގެއަށް މީހަކު ވަނަ އޭނަ ނުދޭނެ، ހަޅޭއްލަވާނެ، އެެހެން ނުހުރުމަށް ނަސޭހަތް ދިނަސް ބުނާ ގޮތެއް ވެސް އޭނާ ނުހަދާނެ،" އަހުމަދު މުހައްމަދުގެ ބެލެނިވެރި ފަރާތުން ބުންޏެވެ. އޭނާގެ ވާހަކަތަކުން އެނގޭ ގޮތުގައި ސަބަބުތަކެއްގެ ސަބަބުން ނަމަވެސް އޭނާއަކަށް ވެސް އަހުމަދު މުހައްމަދަކަށް އަޅައެއް ނުލެވެ އެވެ. އެހެންކަމުން ކަމާ ބެހޭ ފަރާތަކާއި އޭނާ ހަވާލުކުރަން ބޭނުންވޭތޯ ސުވާލު ކުރުމުން ވެސް އޭނާ އެކަމަށް ދެކޮޅުހެދި އެވެ. "ޖެންޑާއަކަށް ހުށައެއްނާޅަން، ބޭނުމެއް ނޫން ބަޔަކާއި ހަވާލުކުރާކަށް" އޭނާ ބުންޏެވެ. އަހުމަދު މުހައްމަދަކީ ބޯހަރު މީހެއްގެ ގޮތުގައި މުޅި ފޮނަދޫ ވެސް އޮންނަނީ ސިފަކޮށްފަ އެވެ. ނަމަވެސް ނުކުޅެދުންތެރިކަންހުންނަ މީހުންނަށް އެހީވުމަށް 11 އަހަރަށް ވުރެ ގިނަ ދުވަހު ހަރަކާތްތެރިވެފައިވާ ހިޝާން އެކަމާ އިންކާރު ކުރެ އެވެ. ހިޝާން ވިދާޅުވި ގޮތުގައި މަޑުމައިތިރިކަމާއި އޯގާތެރިކަމާ އެކު ވާހަކަ ދެއްކުމުން އަހުމަދު މުހައްމަދު އޭނާ ބުނާ ގޮތްވެސް ހެދި އެވެ. އެދުވަހު ވެސް ހިޝާން ބުނި ހުރިހާ ކަމެއް އޭނާ ކުރި ކަމަށާއި އެއީ އެހެން މީހުންގެ ބަސް އަހުމަދު މުހައްމަދު އަހާކަމުގެ ހެއްކެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ހަގީގަތުގައި އޭނާގެ ސިކުނޑީގައިނެތް އެއްވެސް މައްސަލައެއް، އަނެއްހެން މާ ބޮޑު ބަލިތަކެއްވެސް ހުރިކަމަކަށް ނުފެނޭ، އެކަމަކު އަހަރެމެން އެގެއަށް ފުރަތަމަ ދިޔައިރު އޭނާ އޮތީ ހުމައި، އޭގެ އިތުރުން އެހެން މައްސަލަތަކެއް ފެންނާކަށް ނެތް،" ހިޝާން ވިދާޅުވި އެވެ. މިހާރު 5000 ރުފިޔާ ކޮންމެ މަހަކު ލިބޭ މުހައްމަދު އަހުމަދުގެ ޒަމާންވީ ދިރިއުޅުމަށް ބަލާއިރު އޭނާއަކީ އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން ދިރިއުޅެމުން އައި މީހެކެވެ. އޭނާކުރާ މަސައްކަތަކީ ގޯތި ތެރޭގައި ދަނޑުވެރިކަން ކުރުމެވެ. އޭނާ ދިރިއުޅެމުން އަންނަނީ އެތަކެތި ވިއްކައިގެން ލިބޭ ފައިސާއިންނެވެ. ނަމަވެސް އެނިކަމެތި މީހާގެ އަތުން ފޭރިފައި ވަނީ މަދު ފަހަރަކު ނޫނެވެ. "މީގެ ކުރިން އެތައް ފަހަރެއްގައި އެބަހުރި އޭނާގެ ގެއިން ވައްކަން ކޮށްފައި، ފައިސާ ވެސް ގެންގޮސްފައި، އަދި އެގޭގައި ހައްދާފައި ހުންނަ ތަކެތި ވެސް ކަނޑައިގެން ވަގަށް ގެންގޮސްފައި." ދަރުމަވެރިންގައި ހަރަކާތްތެރިވާ، ފޮނަދޫ އަށް އުފަން ނޫސްވެރިއެއްކަމަށްވާ އަޒުމީ އަލީ ބުންޏެވެ. ނުކުޅެދުންތެރިކަން ހުރުމާއި ގާއިބާރު ދެރަވެ މުސްކުޅި ވެފައިވުމުން އެތައް ބަޔެއްގެ ނަފްރަތު އެމުޖުތަމައުގެ ތެރެއިން އަހުމަދު މުހައްމަދަށް ދަނީ ލިބެމުންނެވެ. މީގެ އެތައް ޒަމާންތަކެއް ކުރިއަށް ބަލާއިރު އޭރު ގިނަ މީހުން އަހުމަދު މުހައްމަދު ސިފަކޮށްފައި ވަނީ ބިރެއްގެ ގޮތުގަ އެވެ. ހާއްސަކޮށް ކުޑަކުދިން އެވެ. މައިން ބަފައިން ކުޑަކުދިންނަށް އޭނާ ސިފަކޮށްދީފައި ވަނީ ވެސް އެހެންނެވެ. އެހެންކަމުން ކުޑަކުދިން އޭނާދެކެ ބިރުގަނެ އެވެ. އޭނާ މަގުން ހިނގާފައި ދާއިރު އޭނާއަށް ޖެއްސުންކުރުމާއި އެކިއެކި އަނިޔާތައް ދިނުމަކީ އެއްބަޔެއްގެ އުފަލެކެވެ. މިއަދު އެންމެން އޭނާއަކީ ފަކުރެއް ކަމަށް ހަދާފައި ވަނީ ދުވަސްވުވެ ބާރުދަށް ވުމުން ގައިންތާހިރު ނުވެވޭތީ އެވެ. "އޭނާގެ ދެ އަތުގެ ކުޑަހުޅު އެބައިން ބިންދައިގެންގޮސް، ވަރަށް ބޮޑަށް ދުޅަވެފައި ވަނީ ވެސް، ކިހިނެއްތޯވީ އެހުމުން އޭނާބުނީ ވަރަށް ފަހުން އޭނާ މަގުން ހިނގާފައި ދަނިކޮށް ފަހަތުން އައިމީހަކު އޭނާ ކޮށްޕާ ވައްޓާލީ ކަމަށް." އަޒުމީ ބުންޏެވެ.

އަހުމަދު މުހައްމަދު އައިޑީކާޑް ހިފައިގެން--

ދަރުމަވެރިވާށޭގެ ޓީމުން މިހާރު ވަނީ އަހުމަދު މުހައްމަދަށް ބައެއް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ހަމައެހެންމެ އެރަށުގައި ތިބޭ ޖެންޑާ މިނިސްޓްރީގެ ބޭފުޅުންނާއި ކައުންސިލްގެ ސަމާލު ކަމަށް ވެސް އެކަން ގެނެސްފަ އެވެ. ނަމަވެސް އެއީ ހައްލެއް ނޫންތާ އެވެ. ކޮންމެ އިންސާނަކަށް ބޭނުންވާ ފަދައިން އޭނާ އަށް ވެސް ލޯތްބާއި އަޅާލުން ބޭނުންވާނެ އެވެ. އެ އުމުރުގެ މީހަކަށް އެހެން މީހެއްގެ އެހީތެރިކަން ނުލިބި ދިރިއެއްނޫޅެވޭނެކަން ޔަގީނެވެ. މިއީ އެންމެ މީހެއްގެ ވާހަކައެވެ. ނަމަވެސް ހަގީގަތަކީ އެފަދަ ކިތަންމެ މީހަކު އެހާލުގައި މި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ ކަމެވެ. މުސްކުޅިވެ ލޮއިބާއި އަޅާލުން ބޭނުންވި ދުވަހު އަނދިރި ހޮހަޅަތައް ފަދަ ތަންތަނަށް ލައި ބަންދުކޮށް އެތައް ދުވަސްވީ މީހުންނެއް އެބަހުއްޓެވެ. އެތައް ބަޔެއްގެ ރަހުމު ކުޑަ އަނިޔާ ކޮންމެ ދުވަހަކު ލިބެމުންދާ އެތައް ދުވަސްވީ މީހުންނެއް އެބައުޅެ އެވެ.

އަހުމަދު މުހައްމަދު، ސިއްހީ މަރުކަޒުގައި

ކުރީގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވި ގޮތުގައި ދުވަސްވީ މީހުންނަށް އަޅާނުލެވުމާއި އެމީހުންނަށް ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑެވެ. އެގޮތުން އެމީހުންނަށް އެކިއެކި ގޯނާތައް މުޖުތަމައުގައި ދިރިއުޅޭ ބައެއް މީހުންގެ ފަރާތުން ލިބެމުން އަންނަމަކީ ހައްލު ނުކުރެވިވާ ބޮޑު މައްސަލައެއްކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު ފާހަގަ ކުރަން އިނގޭތޯ މުސްކުޅިންގެ މައްސަލަ، އަޅާނުލާ އެނދެއްގެ މައްޗަށް އެއްލާލާފައި ހަމަ އެބަބާއްވާ، މުސްކުޅިންގެ މައްސަލަ ހަގީގަތުގައި ވަރަށް ވަރަށް ސީރިޔަސް އިނގޭތޯ." ހުސްނުއްސުއޫދު ވިދާޅުވިއެވެ. އެކަންކަން އެގޮތަށް ހުންނަ އިރު ޑިސްއެބިލިޓީ އެމްބެސަޑަރު އަހުމަދު ހިޝާން ވިދާޅުވި ގޮތުގައި ދުވަސްވީ މީހުންނަށް ހަމައެކަނި 5000 ރުފިޔާ ދިނުމަކުން އެއީ އެމީހުންނަށް އޯގާތެރިވެވުނީއެއް ނޫނެވެ. އޭގެ ބަދަލުގައި ދައުލަތުގެ ފަރާތުން ވެސް އެމީހުންނަށް ލޯތްބާއި އަޅާލުން ދޭން ޖެހޭ ކަމަށާއި ނަމަވެސް ޖެންޑާ މިނިސްޓުރީ ފަދަ މުއައްސަސާތައް މިހާރު އެކަން ކުރަމުން އަންނަނީ ރަނގަޅަށް ނޫން ކަމަށް ހިޝާން ވިދާޅުވި އެވެ. "ހަމައެކަނި ފައިސާދީގެން ނުވާނެ، އަޅާލަން ޖެހޭ، ވަރަށް ރަނގަޅަށް ދުވަސްވީ މީހުންނަށް އަޅާލާ މީހުންނާއި އަޅާނުލާ މީހުންވެސް އެބައުޅޭ، މިފަދަ ކަންކަމުގެ ހައްލަކީ އާއިލާ އިން ބެލުން، އެހެން ނޫން ނަމަ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުން، ބަޔަކު އަޅާނުލާ ތިބެގެންނުވާ." ހިޝާން ވިދާޅުވި އެވެ. ދުވަސްވީ މީހުންނަށް އަޅާނުލާ އެތައް ބަޔެއްގެ އަނިޔާ އެމީހުންނަށް ލިބެމުންދާ ނަމަ ދައުލަތާއި އެމީހުން ހަވާލު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އާއިލާ އިން ނުބަލާ ނަމަ ކޮންމެވެސް ބަޔަކު އަޅާލަންޖެހޭތާ އެވެ. ދެ ރައީ އެހާލުގައި އެތައް ބަޔަކު އުޅޭއިރު ވެސް އެކަން ދައުލަތައް އަންގާނެ ފަރާތްތައް މަދުވުމެވެ. ހަމައެހެންމެ ޖެންޑާ މިނިސްޓްރީ އިން އެފަދަ މީހުން ހޯދަން މަސައްކަތް ކުރެވޭލެއް މަދު ވުމެވެ. އަޅާލާނެ މީހަކު ނެތިގެން ގުރައިދޫ މަރުކަޒުގައި 55-65 އަހަރާ ދެމެދުގެ 40 އަށް ވުރެ ގިނަ މީހުން މިހާރު ވެސް އެބަތިއްބެވެ. މި އަދަދު ކޮންމެ އަހަރަކު ދަނީ އިތުރުވަމުންނެވެ. މީގެ ތިން އަހަރު ކުރިއާ އަޅާބަލާއިރު 2012 އަދި 2013 ވަނަ އަހަރު އަޅައި ނުލައި ދޫކޮށްލައިގެން ގުރައިދޫ ސެންޓަރުން ބަލަމުން އަންނަ މުސްކުޅިންގެ އަދަދު އެވްރެޖްކޮށް 20 ޕަސެންޓް އިތުރެވެ. މިއީ ވެސް ދުވަސްވީ މީހުންނަށް މުޖުތަމައުގެ ތެރެއިން އަޅާނުލެވޭ ކަމުގެ ހެއްކެކެވެ. ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ލިބެން ޖެހޭ ރައްކާތެރިކަމާއި އަޅާލުން ލިބޭނީ މުޖްތަމައު ހޭލުންތެރިކޮށްގެނެވެ. ވަރަށް ބޮޑަށް މިކަމާ ގުޅޭ މައުލޫމާތު ދީގެންނެވެ. މިނިސްޓްރީ އާއި ޖަމިއްޔާތަކާއި ކައުންސިލްތަކުން ވެސް އާންމުން ހޭލުންތެރިކުރަންވީ އެވެ. "އަމިއްލަ ޖަމިއްޔާތަކާއި ކައުންސިލްތަކާ ގުޅިގެން އަޅުގަނޑުމެން މިނިސްޓްރީން ވަނީ ނިންމާފައި ހޭލުންތެރި ކުރުމުގެ މަސައްކަތްތަކެއް ކުރަން،" އޭނާ ވިދާޅުވި އެވެ. އަހުމަދު މުހައްމަދުގެ މިސާލުން އިބުރަތް ލިބިގަނެ އެފަދަ ހާލުގައި ތިބި މީހުންނަށް އަޅާލަން މުޅި މުޖުތަމައުއިން އެކަށްޗެއް ކިޔަންޖެހެ އެވެ. އާއިލާ އިން އަޅާނުލާ ނަމަ އެ ރަށެއްގެ ކަމާ ބެހޭ ފަރާތްތަކުން ވެސް އަޅާލަންޖެހެ އެވެ. ހަމައެހެންމެ ކަމާބެހޭ ފަރާތްތަކަށް އަންގަން ވެސް ޖެހެ އެވެ. އަހުމަދު މުހައްމަދަށް ވެސް އެހާލުޖެހިފައި އެވަނީ ބަޔަކު އެކަން މާބޮޑު ކަމަކަށް ނުހަދާ އަޅާނުލާތީކަން ޔަގީނެވެ.