22 Feb 2015, 09:23
އަދަން (ފެބްރުއަރީ 22) : ޔަމަންގެ ވެރިކަމަށް އަތްގަދަކޮށްފައިވާ ޙޫޘީ ހަނގުރާމަވެރިންގެ ޙިސާރުގެ ދަށުގައި ހުންނެވި އެ ގައުމުގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ ރިޔާސީ ގަނޑުވަރު ދޫކުރައްވައި ފިއްލަވައިގެން އޭނާގެ އުފަންރަށްކަމަށްވާ އަދަން އަށް ވަޑައިގެންނެވުމާ އެކު ހޫޘީންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އަދަންގައިރޭ ދެއްވި ބަޔާނެއްގައި ހާދީ ވިދާޅުވީ ޙޫޘީ ޖަމާއަތުން ޔަމަންގެ ވެރިކަމަށް އަތްގަދަކޮށްފައި ވަނީ އިންގިލާބަކުން ކަމަށާ ހޫޘީންގެ ވެރިކަމަކީ ޣައިރު ގާނޫނީ ވެރިކަމެއް ކަމުގަ އެވެ. އަދި ޙޫޘީ ހަނގުރާމަވެރިން ޔަމަންގެ ވެރިކަމުގެ މުއައްސަސާތަކުންނާއި ވެރިރަށް ސަންއާ އިން ބޭރުވުމަށް ވެސް ހާދީ ގޮވާލެއްވި އެވެ. މީގެ އިތުރުން ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ޕާލަމެންޓަށް ހުށަހެޅުއްވި ހުށަހެޅުން އަނބުރައި ގެންނަވައިފި ކަން ވެސް ހާދީ އިޢްލާން ކުރެއްވި އެވެ.
މިދިޔަ ޖަނަވަރީ މަހުގެ ކުރީކޮޅުން ފެށިގެންޙޫޘީންގެ ޙިސާރުގެ ދަށުގައި ހުންނެވުމަށް ފަހު ފިއްލަވައިގެން އޭނާގެ އުފަންރަށްކަމަށްވާ އަދަން އަށް ވަޑައިގެންނެވުމުގެ ފުރްސަތު ހާދީ އަށް ލިބިވަޑައިގަތީ އުމާނާއި އީރާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކަމަށް ޚަބަރު ލިބެ އެވެ. މިފުރްސަތު ހާދީއަށް ދިނުމަށް ޙޫޘީ ޖަމާއަތުން ނިންމީ ޝަރުތުތަކަކާ އެކު ސިއްރު އެއްބަސްވުމެއްގެ ދަށުން ކަމަށްވެ އެވެ. މިޝަރުތުތަކުގެ ތެރޭގައި ޔަމަންގެ ސިޔާސީ ކަންކަމާ ދުރުގައި ހާދީ ހުންނެވުމާއި ހޫޘީން އިޢްލާންކުރި ވަގުތީ ގާނޫނު އަސާސީ އާ ދެކޮޅަށް ހާދީ މަސައްކަތް ނުކުރެއްވުން ހިމެނޭކަމަށްވެ އެވެ. ނަމަވެސް މިކަން ކަށަވަރުވެފައެއް ނުވެ އެވެ.
މިދިޔަ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު ޔަމަންގެ ވެރިކަމަށް ޙޫޘީ ޖަމާއަތުން އަތްގަދަ ކުރުމާ ގުޅިގެން ރައީސް ހާދީ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު މިހާތަނަށް އޭނާ ހުންނެވީ ރިޔާސީ ގަނޑުވަރުގައި ގޭ ބަންދުގަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އޭނާ ހުންނެވީ ރިޔާސީ ގަނޑުވަރުނޫން ސަރުކާރުގެ އެހެން ގެއެއްގަ އެވެ. ހާދީ މިނިވަންކުރުމަށް މަސައްކަތްކުރެއްވީ އޭނާގެ ސަރުކާރުގެ އިންފޮމޭޝަން މިނިސްޓަރަކަށް ހުންނެވި ނާދިޔާ އައްސަގާފެވެ. ނާދިޔާގެ އެދިވަޑައިގަތުމަށް ހާދީއާއި ޙޫޘީންނާ ދެމެދު މެދުވެރިއެއްގެބައި އަދާކުރެއްވީ ޔަމަންގައި ތިއްބަވާ އީރާނާއި އުމާންގެ ޑިޕްލޮމޭޓުން ކަމަށް ޚަބަރުލިބެ އެވެ. ޙޫޘީންނަކީ އީރާނުގެ ތާއީދު ލިބިފައިވާ ޔަމަންގެ ޝިޔައީ ޖަމާއަތަކަށްވާ އިރު އުމާންއަކީ ޔަމަންގެ ދާޚިލީ މައްސަލާގެ ދެފަރާތްކަމަށްވާ ޙޫޘީންނާއި ރައީސް ހާދީ ގެ ވެސް އިތުބާރު ލިބިފައިވާ ގައުމެކެވެ.
ހާދީ މިނިވަންވެ ވަޑައިގެން އެނބުރި އޭނާގެ ރަށަށް ވަޑައިގެންފައި މިވަނީ ޔަމަންގައި ވެރިކަމުގެ އިންތިގާލީ މަރްޙަލާއެއް ގާއިމް ކުރުމަށްޓަކައި އިންތިގާލީ ޕާލަމެންޓެއް އެކުލަވާލުމަށް ޙޫޘީންނާ އަދި އިދިކޮޅު ފަރާތްތަކުން އެއްބަސްވެއްޖެކަން އދ.ގެ މަންދޫބު ޖަމާލް ބިން އުމަރު އިޢްލާން ކުރައްވާފައިވަނިކޮށެވެ. ޔަމަންގެ ވެރިކަން މިހާރު ކޮންޓްރޯލްކުރާ ޙޫޘީ ޖަމާއަތުން ވަނީ 15 ދުވަހުގެ ތެރޭގައި އެގައުމުގެ ވެރިކަމުގެ ބާރުތައް ދޫކޮށް ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ހޫޘީ ހަނގުރާމަވެރިން ފޭބުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން މިދިޔަ ހަފްތާގައި ފާސްކުރި ގަރާރަށް ދެކޮޅު ހަދާފައެވެ.
ހޫޘީ ޖަމާއަތުން ޔަމަންގެ އިސްތިއުފާ ދެއްވި ރައީސް ހާދީ މިނިވަން ކުރި ނަމަވެސް އިސްތިއުފާ ދެއްވި ބޮޑުވަޒީރު ޚާލިދު ބަޙާހް އަދިވެސް ހުންނެވީ ސަންޢާގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅުގައި ގޭ ބަންދުގަ އެވެ. (ނޫސްއެޖެންސީތައް)