މާލެ އަތޮޅު ތިލަފުށި ހިއްކުމަށް ހެވީލޯޑް މޯލްޑިވްސްއާ ހަވާލުކުރުމުގައި ތިލަފުށި ކޯޕަރޭޝަނ ލިމިޓެޑް (ޓީސީއެލް) އިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތަށް އެ ކޯޕަރޭޝަނުން އަމަލުކޮށްފައިވަނީ "ވަކި ފަރާތަކަށް ފައިދާ" އެއް ހޯދައިދޭން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނެފި އެވެ.

ތިލަފުށިން ތިރީސް ހެކްޓަރުގެ ބިން ހިއްކުމަށް 269.85 މިލިއަން ރުފިޔާ އަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކުގެ ކުންފުންޏެއް ކަމަށްވާ ހެވީ ލޯޑާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާ ގޮތް ތަހުގީގުކުރުމަށްފަހު އޭސީސީން މިއަދު ނެރުނު ބަޔާނުގައ ބުނަނީ، އެ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ހިނގައިފައިވާ ކަމަށާއި އަލުން ބިޑުކޮށްގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިއްޔެ ތިލަފުށި ކޯޕަރޭޝަނަށް އަންގައިފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓް އެވޯޑްކުރުމުގައި "ވަކި ފަރާތަކަށް ފައިދާ ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާފައިވާ" ކަމަށާއި ކޮމިޝަނުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވެެއެވެ.

އޭސީސީގެ ބަޔާނުގައި ބުނަނީ، ތިލަފުށި ބިން ހިއްކުމުގެ ޕްރޮޖެކްޓަށް ހުށަހަޅައިފައިވާ ކޯޓޭޝަންތަކުގެ އިވެލުއޭޝަން ހަދައިފައިވަނީ ތިލަފުށި ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ގޮތަށް އެކުލަވާލައިފައިވާ އިވެލުއޭޝަން ކޮމިޓީއަކުން ނޫން ކަމަށެވެ.

"ތިލަފުށި ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ގޮތުން އިވެލުއޭޝަން ކޮމިޓީގައި ހިމެނޭނީ ނޮން އެގްޒެކެޓިވް 3 މެމްބަރުންނެވެ. އެހެންނަމަވެސް، މިކަމަކީ ބޯޑުގައި ހިމެނޭ އެގްޒެކެޓިވް މެމްބަރ، މެނޭޖިން ޑައިރެކްޓާ އިންނަވައިގެން ނިންމާފައިވާ ނިންމުމެއްކަން ފާހަގަކުރެވުނެވެ،" ތިލަފުށި ބިން ހިއްކުމުގެ ޕްރޮޖެކްޓާ ގުޅޭ ދިހަ މައްސަލައެއް ފާހަގަކޮށްފައިވާ އޭސީސީގެ ބަޔާނުގައި ވެއެވެ.

"މިވަރުގެ ބޮޑު މަސައްކަތެއް ހަވާލުކުރާނެ ފަރާތެއް ހޮއްވެވުމުގައި ޑިރެކްޓަރުންގެ ބޯޑުގެެ އެއްވެސް ދައުރެއް އޮތްކަން ލިޔެކިޔުމުން އެނގެން ނެތެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީން އިތުރަށް ބުނީ، ތިލަފުށިން ބިން ހިއްކުމުގެ މަސައްކަތްކުރިއަށްގެންދަން ޖެހޭނީ އެ މަސައްކަތާ ހަވާލުވާ ކޮންޓްރެކްޓަރެއްގެ އަމިއްލަ ޚަރަދުގައި ކަމަށް، ތިލަފުށި ކޯޕަރޭޝަނުން ނެރުނު ފުރަތަމަ އިއުލާނުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް ތިލަފުށި ކޯޕަރޭޝަނުން އެ މަސައްކަތަށް ފައިނޭންސް ކުރާ ގޮތަށް ނިންމައި އިތުރު އިއުލާނެއް ކުރި ކަމަށް ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. "އެހެންކަމުން މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުން ވާދަވެރި ގޮތެއްގައި މި މަސައްކަތަށް ބިޑްކުރުމުގެ ފުރުސަތު ގެއްލިފައިވާ" ކަމަށް ވެސް އޭސީސީން ބުނެ އެވެ.

އޭސީސީން ބުނީ، އެ މަސައްކަތަކީ ކޮމްޕެޓިޓިވް މަސައްކަތެއް ކަމަށްވުމާއެކު ފުރަތަމަ ފަހަރަށް ކުރި އިއުލާނުގައި ކޮންޓްރެކްޓަރު ޚަރަދުކުރަން ޖެހޭ ގޮތަށް އޮތުމުން އެއްވެސް ކުންފުންޏަކުން ކުރިމަތިލައިފައިނުވާ ކަމަށެވެ. އަދި ދެވަނަ ފަހަރަށް އިއުލާންކުރެއްވުމުގެ ބަދަލުގައި ތިލަފުށި ކޯޕަރޭޝަނުން ނެގޯޝިއޭޓްކޮށްފައިވަނީ ފުރަތަމަ އިއުލާނާ ގުޅިގެން ޝައުގުވެރިކަން ފާޅުކުރި ނުވަތަ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް )އީ.އޯ.އައި( ހުށަހެޅި ފަރާތްތަކާ އެކު ކަމަށް ވެސް ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ބުންޏެވެ.

"ނަމަވެސް، އެ ފަރާތްތަކާ ނެގޯޝިއޭޓްކުރަން ތިލަފުށި ކޯޕަރޭޝަންގެ ޑިއިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަމެއް އެނގޭކަށް ނެތެވެ."

އޭސީސީން ބުނީ، ތިލަފުށި ބިން ހިއްކުމަށް ކުރިމަތިލައިފައިވާ ފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދޭނެ މިންގަނޑާއި އެ މަސައްކަތުގެ އަގުއަދާކުރާނެ ގޮތާ ބެހޭ ސާފު މައުލޫމާތު ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރް.އެފް.ޕީ) ގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
އަދި ކުންފުނިތަކުން ކޯޓޭޝަން ހުށަހަޅައިފައިވަނީ ތަފާތު ތިން ތާރީޚެއްގައި ކަމަށް ލިޔެކިޔުންތަކުން އެނގޭ ނަމަވެސް، އެ ފަރާތްތަކާ މެދު ތިލަފުށި ކޯޕަރޭޝަނުން އަމަލުކޮށްފައިވަނީ އެއްގޮތަކަށް ކަން އެނގެން ނެތް ކަމަށް ވެސް އޭސީސީން ބުނެ އެވެ.

ހެވީލޯޑާ އެ ޕްރޮޖެކްޓް ހަވާލުކުރުމުގައި ފާހަގަކުރެވޭ އިތުރު މައްސަލައެއް ގޮތުގައި، އެކުންފުނީގައި ޑްރެޖަރެއް އޮތްކަން ލިޔެކިޔުންތަކުން ނޭގޭ މައްސަލަ ވެސް ހިމެނެ އެެވެ.

"އިވެލުއޭޝަން ރިޕޯޓުގައި މަސައްކަތް ހަވާލުކުރަން ނިންމި ކުންފުނީގައި މި މަސައްކަތަށް ބޭނުންވާ އިކުއިޕްމަންޓްސް ހުރި ކަމަށާއި އޭގެ ތެރޭގައި ޑްރެޖިން މަސައްކަތަށް ބޭނުންވާ ޑްރެޖަރެއް އޮތް ކަމަށް ބަޔާންކޮށް، އިވެލުއޭޝަން ރިޕޯޓުގައި ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ތިން މެމްބަރުން ސޮއިކުރައްވައިފައިވާއިރު، މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނީގައި ޑްރެޖަރެއް އޮތްކަން ލިޔެކިޔުންތަކުން އެނގޭކަށްނެތް،" އޭސީސީގެ ބަޔާނުގައި ވެއެވެ.

އޭސީސީން ބުނި ގޮތުގައި، ހެވީ ލޯޑާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕާފޯމަންސް ގެރެންޓީއެއްގެ ގޮތުގައި އެޑްވާންސް ޕޭމަންޓާ އެއްވަރުގެ އަދަދެއް ތިން ވަނަ ފަރާތެއް މެދުވެރިކޮށް އެކުންފުނިން ހުށަނާޅަނީސް ކަމަށެވެ.
"އެކަންތައް ހަމަނުޖެހެނީސް، މި މަސައްކަތަށް މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏަށް އެޑްވާންސްކޮށް ތިން މިލިއަން ޑޮލަރު ދީފައިވެއެވެ. އެހެންކަމުން މިކަމަކީ އާއްމުކޮށް އަމަލުކުރަމުން އަންނަ ބެސްޓް ޕްރެކްޓިސްއާ އަދި އެ އެގްރިމެންޓުގެ 11.2ގެ )ބީ(އާ ޚިލާފަށް ކުރައްވާފައިވާ ކަމެއްކަން ފާހަގަކުރެވިފައިވެ އެވެ."

އޭސީސީން އިތުރަށް ބުނަނީ، ތިލަފުށި ބިން ހިއްކުމުގެ މަޝްރޫއުގައި ހެވީ ލޯޑާއެކު ސޮއިކޮށްފައިވަނީ އެފް.އައި.ޑީ.އައި.ސީ ސްޓެންޑަޑް ފޯމުތައްވެސް ފުރިހަމަ ނުކޮށް ކަމަށެވެ.

އޭސީސީގެ މި ބަޔާނާ ގުޅިގެން ތިލަފުށި ކޯޕަރޭޝަންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ރިޔާޒަށް ސަން އިން ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އަދި މެސެޖަކުން ވިދާޅުވީ، މިވަގުތު އިންނެވީ ވަރަށް ދިގު މީޓިންއެއްގައި ކަމަށާއި ފްރީ ވުމުން ސަން އަށް ގުޅުއްވާނެ ކަމަށެވެ.

ތިލަފުށިން ބިން ހިއްކުމުގެ މަޝްރޫއު އަލުން ބިޑަށް ލައިގެން ކުރިއަށް ގެންދިއުމަށް އޭސީސީން އިއްޔެ އެންގެވި ނަމަވެސް، އެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް، ރިޔާޒް ފޯނަށް ޖަވާބުނުދެއްވާތީ، އެކަން ކަށަވަރުކުރެވޭ ގޮތް އަދި ވަނީ ނުވެފަ އެވެ.