22 Feb 2015, 00:20
މެލޭޝިއާގެ ޕީޑީއާރްއެމްއަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބު ކޮށްދިން ދެ ގޯލާއެކު، މެލޭޝިއަން ސުޕާ ލީގުގައި ޕީޑީއާރުއެމް ކުޅުނު ތިން ވަނަ މެޗު މޮޅުވެއްޖެ އެވެ. މިއީ މެލޭޝިއަން ސުޕާ ލީގުގައި އަޝްފާގު ކާމިޔާބު ކޮށްދިން ފުރަތަމަ ދެ ގޯލެވެ.
ރަށުން ބޭރުގައި ކެލަންޓަން އާ ދެކޮޅަށް މިރޭ ކުޅުނު މެޗުން ޕީޑީއާރުއެމް މޮޅުވެފައިވަނީ 4-0 ލަނޑުންނެވެ. މިއީ 2009 ވަނަ އަހަރުގެ ސުޕާ ކަޕުގައި ކެލަންޓަން އަތުން ޕީޑީއާރުއެމް ބަލިވި ނަތީޖާ އެވެ.
މިރޭ ކުޅުނު އެ މެޗުގައި ޕީޑީއާރުއެމްއަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ޕީޑީއާރުއެމްގެ ކެޕްޓަން މުސްލިމް އޮއްސާލި ބޯޅައަކުން އެ ލަނޑު ކާމިޔަބު ކޮށްފައިވަނީ އަޝްފާގެވެ.
މެޗުގެ ދެވަނަ ލަނޑު ޖަހައި ޕީޑީއާރުއެމްއަށް ލީޑު ފުޅާކޮށްދިނީ، ދެވަނަ ހާފުގެ ކުރީކޮޅު އަޝްފާގަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕަނަލްޓީ އަކުންނެވެ. އެ ލަނޑު ކާމިޔާބު ކޮށްދިނީ ޓްރައޮރޭ އެވެ.
ޕީޑީއާރުއެމް އަށް ތިން ވަނަ ލަނޑު މެޗުގެ 72 މިނެޓުގައި ކާމިޔާބު ކޮށްދިނީ އަޝްފާގެވެ. އަޝްފާގު އެ ލަނޑު ކާމިޔާބު ކޮށްފައިވަނީ ޓްރައޮރޭ ގޯލަށް ފޮނުވާލި ހަމަލާއެއް ކީޕަރު ދިފާއު ކުރުމުން ލިބުނު ރީބައުންސަކުންނެވެ. ޕީޑީއާރުއެމުން ހަތަރު ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 85 ވަނަ މިނެޓްގައި ސުމާރޭ އެވެ.
މި މޮޅާއެކު ޕީޑީއާރުއެމަށް މިހާރު އޮތީ ހަ ޕޮއިންޓާއެކު މެލޭޝިއަން ސުޕާ ލީގު ތިން ވަނައިގަ އެވެ. އަދި މެޗުން ބަލިވި ކެލަންޓަން އޮޓީ ހަ ޕޮއިންޓާއެކު ލީގުގެ ފަސްވަނައިގަ އެވެ. ދެ ޓީމުވެސް މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފަ އެވެ.
މެލޭޝިއަން ސުޕާ ލީގުގައި، ޕީޕަލްސް ކަޕުގެ ޗެމްޕިއަން ޕީޑީއާރުއެމް ކުޅެންޖެހޭ ހަތަރު ވަނަ މެޗުގައި އަންނަ މަހުގެ ހަތް ވަނަ ދުވަހު ނުކުންނާނީ ލީގުގެ ނުވަ ވަނައިގައި އޮތް ސެލަންގޯއާ ދެކޮޅަށެވެ.