21 Feb 2015, 22:48
މާލޭގައި މިރޭ ވަޅިން ހަމަލާދީ ޒުވާނަކު މަރާލާއިފި އެވެ.
ދަރުބާރުގޭ ކުރިމަތީ އޮންނަ ގޯޅިގަނޑުގެ ތެރޭގައި ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދިނުމުން މަރުވަފައި 24 އަހަރުގެ ޒުވާނެކެވެ. އޭނާގެ ނަމަކީ ޖައިލަމް އަހުމަދު ޝާކިރެވެ.
އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް މިރޭ 'ސަން' އަށް ވިދާޅުވީ، އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށެވެ.
އައްފާލް ވިދާޅުވީ އެ ޒުވާނާއަށް ލިބިފައިވާ އެންމެ ބޮޑު ޒަޚަމަކީ ކަނާތްފަރާތުން ކަރަށް، ވަރަށް ފުންކޮށް ތޫނުއެއްޗެއް ހަރާފައިވުން ކަމަށެވެ.
ތޫނޫއެއްޗަކުން ދިން ހަމަލާގެ ސަބަބުން އެ ޒުވާނާގެ ފުއްޕާމޭ ހަލާކުވެފައިވާ ކަމަށާއި އޭނާގެ ވައަތަށް ވެސް ވަރަށް ފުންކޮށް ތޫނުއެއްޗެއް ހަރާލާފައިވާއިރު ހަށިގަނޑުގެ އިތުރު ތަންތަނަށް ވެސް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް އައްފާލް ވިދާޅުވިއެވެ.
ސަންގެ ނޫސްވެރިން ހާދިސާ ހިނގި ސަރަހައްދަށް ދިޔައިރު ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އަދި އެތަނުގައި ލޭ ހޭކިފައި އޮތް ވަޅިއެއްވެސް އޮތެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.