މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު މިއަހަރު ޖެނުއަރީ މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު 7.8 އިންސައްތަ ދަށަށް ގޮސްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 105،296 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. ނަމަވެސް މިއަހަރު ޖެނުއަރީ މަހު އެ އަދަދު ވަނީ 97،073 އަށް ދަށަށް ގޮސްފަ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޗައިނާއިން މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ މީގެ ކުރިން ދުވަހަކުވެސް ދަށަށް ނުދާވަރަށް ދަށަށްގޮސްފަ އެވެ. އެގޮތުން މިދިޔަ އަހަރު ޗައިނާ އިން 30،912 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި ނަމަވެސް މިއަހަރު އެ އަދަދު ވަނީ 20،469 އަށް ދަށަށްގޮސްފަ އެވެ. ނަމަވެސް ޗައިނާ އަކީ އަދިވެސް އެއްގައުމަކުން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަންނަ ގައުމެވެ.

އޭގެ އިތުރުން މިއަހަރު ޖެނުއަރީ މަހު އޮކިއުޕެންސީ ރޭޓު ވެސް ވަނީ ޖެނުއަރީ 2014 އާ އަޅާބަލާއިރު، 8.5 ޕަސެންޓް ދަށަށް ގޮސް 73.9 ޕަސެންޓަށް ވެއްޓިފަ އެވެ.

ޗައިނާ އިން ޓޫރިސްޓުން އައި އަދަދު ދައްވުމާއެކު ޔޫރަޕް ވަނީ އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އަންނަ ސަރަހައްދަކަށް ވެފަ އެވެ. އެގޮތުން އެ ސަރަހައްދުގެ ވަކިވަކި ގައުމުތައް ކަމަށްވާ އިޓަލީ އާއި އިނގިރޭސިވިލާތް އަދި ޖަރުމަނު ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ދާތާ މިއީ ހަތަރުވަނަ މަހެވެ.