ކުދިންގެ ޅަފަތުގައި ރީތި ދިވެހި ބަހުން މުއާމަލާތްކުރުމަކީީ އެދަރިވަރެއްގެ ތައުލީމީ ހަޔާތް ކާމިޔާބުކުރުމަށް ވަރަށް މުހިއްމު އެއް ޝަރުތު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މާދަރީބަހުގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ޚިތޯބުގައި ވިދާޅުވީ، އުފަން ވީއްސުރެން ކުއްޖަކަށް ބޭނުންވާނޭ އަސާސީ ކަންތައްތަކުން ފެށިގެން އެކުއްޖެއްގެ ޚިޔާލާއި ފިކުރު ފާޅުކުރުމުގެ ގާބިލްކަން ލިބެނީ އެކުއްޖެއްގެ ކިނބައިގައި ހުންނަ ބަހުގެ ހުނަރުވެރިކަމުގެ ސަބަބުން ކަމަށެވެ.

"ބަހުގެ ހުނަރުގެ ކުޅަދާނަކަން ލާމެހިފައިވަނީ އެކުއްޖަކު އެންމެ ތުއްތުއިރު އެކުއްޖަކާ މުއާމަލާތްކުރުމުގައި ގެންގުޅޭ ބަހަކާ. ދިވެހި ކުދިންނަށް މިބަސް މިވަނީ ރީތި ދިވެހި ބަހަށް. އެހެންކަމުން ކުދިންގެ ޅަފަތުގަ އެކުދިންނާ ރީތި ދިވެހި ބަހުން މުއާމަލާތްކުރުންވަނީ އެކުއްޖެއްގެ ތައުލީމީ ހަޔާތް ކަމިޔާބުކުރުމަށް އެންމެ މުހިންމު އެއް ޝަރުތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހިންނަކީ ބޮޑެތި ނިއުމަތްތަކަކާއި އަމިއްލަވަންތަ ސިފަތަކެއް ގިނަ ގޮތްގޮތުން ލިބިފައިވާ ބައެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ދިވެހިންގެ އަމިއްލަވަންތަކަމުގެ އެންމެ މަތިވެރި އެއް ރަމްޒަކީ ދިވެހިންނަށް ލިބިފައިވާ ދިވެހި ބަސް ކަމަށެވެ. އަދި ދިވެހިބަސް ކުރިއެރުވުމަކީ ގައުމީވަންތަކަމުގެ ވަރަށް ބޮޑު އަސާސެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން، މާދަރީ ބަހަކީ ކޮންމެ ގައުމެއްގެ ގައުމިއްޔަތާއި ސަގާފަތާއި ގުޅި ލާމެހިފައިވާ ކަމަކަށްވާއިރު، ދަރިވަރުންގެ ކިބައިގައި ގައުމީ ރޫހު އަށަގެންނެވުމަކީ މިސަރުކާރުގެ މުހިއްމު ވައުދެއް ކަމަށާއި ދިވެހިބަސް ދިރުވައި ތަރައްގީ ކުރުމަށްޓަކައި ސްކޫލުތަކުގައި ޚާއްސަ ސަމާލުކަމެއްދީގެން ހަރަކާތް ތަކެއް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި އެވެ.

މިއަހަރުގެ މާދަރީ ބަހުގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅުއްވައިފައިވާ ޝިއާރަކީ "އުނގެނުމުގައި އެންމެން ހިމެނުމަށް- މާދަރީ ބަސް" މިއެވެ. އެ ޝިއާރަތް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ، ތައުލީމުގެ ތެރެއިން އެންމެން ޝާމިލްވާނޭހެން ހިމެނި، ތައުލީމު ފޯރުވައިދެވޭނީ މާދަރީ ބަހަށް އިސްކަން ދީގެންކަމަށެވެ.