21 Feb 2015, 21:00
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވަގުތުން ދޫކޮށްލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު މަހުލޫފު ގޮވާލައްވައިފި އެވެ.
މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ނާޒިމް ވަނީ "ފްރޭމްކޮށްފައި" ކަމަށާއި އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.
Nazim vanee frame kohfa. Ebeyfulhaa vaguthun dhookohlumah alhugandu govaalan#FreeNazimNow
— Ahmed Mahloof (@AhmedMahloof)February 21, 2015
ނާޒިމް ދޫކޮށްލުމަށް މަހުލޫފު ގޮވާލައްވާފައިވާއިރު އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން ދަނީ ނާޒިމް ހައްޔަރުކުރުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ކަމަށް ބުނެ އެ ދެ ޕާޓީ ގުޅިގެން ކުރަމުންދާ މުޒާހަރާތަކުގައި ނާޒިމް ވަގުތުން ދޫކޮށްލުމަށް ދަނީ ގޮވާލަމުންނެވެ.
ނާޒިމް ދޫކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ގޮވަމުންދާ ދަނޑިވަޅެއްގައި މަހުލޫފު ވެސް އެކަމަށް ގޮވާލާފައިވާ އިރު ސަރުކާރު ހިންގާ ޕީޕީއެމް އިން ވަކިވެ އޭނާ ޖުމްހޫރީ ޕާޓީއަށް ގުޅެން އުޅޭކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.