އިންޑިއާގެ ޓްރެވިންޑްރަމްގައި މިފްކޯގެ އުފެއްދުންތައް ވިއްކާ ފިހާރައެއް ހުޅުވުމަށް ނިންމައިފި އެވެ.

މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް މިއަދު 'ސަން' އަށް ވިދާޅުވީ ޓްރެވިންޑްރަމްގައި މިފްކޯގެ ފިހާރައެއް ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ އެކުންފުނީގެ އުފެއްދުންތައް އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ވީހާވެސް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށެވެ.

"އަވަށްޓެރި ގައުމުތަކުގައި އުޅޭ ދިވެހިންނަށް ވީހާވެސް ފަސޭހަ ގޮތެއްގައި މިފްކޯގެ އުފެއްދުންތައް ލިބޭނެ ގޮތް ހަދައިދިނުމަށް އެގައުމުތަކުގައި އުޅޭ ދިވެހިން ގެންދަނީ އެދެމުން. އެގޮތުން ޓްރެވިންޑްރަމްގައި އެންމެ ފުރަތަމަ އެފަދަ ފިހާރައެއް ހުޅުވަން މިނިންމީ،" އަދްލީ ވިދާޅުވި އެވެ.

އަދްލީ ވިދާޅުވީ ޓްރެވިންޑްރަމްގެ އިތުރުން ސްރީލަންކާގެ ކޮލަންބޯގައި ވެސް އެފަދަ ފިހާރައެއް ހުޅުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

މިފްކޯ އިން ވަނީ އެ ފިހާރަ ހިނގާނެ ފަރާތެއް ހޯދުމަށް މިއަހަރުގެ ޖެނުއަރީ މަހުގައި ވެސް އިއުލާންކޮށްފަ އެވެ. ނަމަވެސް އެކަމަށް އެދި އެންމެ ފަރާތަކުން އޭރު ހުށަހެޅުމުން، އެ އިއުލާން ބާތިލްކުރުމަށް ފަހު އަލުން ވަނީ އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ޕްރޮޕޯޝަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ ނުވަ ވަނަ ދުވަހު ހުޅުވާލައިފަ އެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާނެ ކަމަށް މިމިފްކޯ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެ އެވެ.

މިފްކޯގެ މަސް ފިހާރަ އެއް އިންޑިއާގައި ހުޅުވުމަށް އެކުންފުނިން މަސައްކަތް ކުރަމުން ގެންދާއިރު އަވަށްޓެރި ސްރީކަންކާގެ ކޮލަންބޯގައި މިހާރު ވެސް ދިވެހި އުފެއްދުންތައް ވިއްކުމަށް ޚާއްސަ ފިހާރައެއް "އެމްއެމްޓީ ޓްރޭޑާސް"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޠާރިގު ވަނީ ހުޅުވައިފަ އެވެ.