21 Feb 2015, 16:36
ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަދުވަހުގެ ރޭ އިނގިރޭސި ކްލަބް ޗެލްސީ ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ކުޅުނުމެޗަށް ފަހު ފްރާންސްގެ މެޓްރޯ ސްޓޭޝަނެއްގައި ޗެލްސީގެ ސަޕޯޓަރުން ކަމަށް ބެލެވޭ ބަޔަކު ނަސްލީގޮތުން ދިމާކުރި ކަޅު ނަސްލުގެ މީހާއަށް، ޕީއެސްޖީއާ ދެކޮޅަށް ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗު ބަލައިލުމަށް އެ ކްލަބުން ދައުވަތުދީފި އެވެ.
ޗެލްސީގެ ސަޕޯޓަރުންތަކެއް ކަމަށް ބެލެވޭ ބަޔަކު، ސުލެމާނޭ. އެސް ނަމަކަށް ކިޔާ މީހާއާ ނަސްލީގޮތުން ދިމާކުރި މައްސަލައިގައި އެ ކްލަބްގެ ކޯޗު ހޯޒޭ މޮރީނިއޯ ފުރަތަމަ ފަހަރަށް ވާހަކަދައްކަމުން ބުނީ، އެކަން ކުރިބަޔަކު އެކުރީ ވަރަށް "ލަދުވެތި" ކަމެއް ކަމަށެވެ.
"މިކަހަލަ ހިތާމަވެރި ހާދިސާތަކާ ގުޅިގެން އަހަރެން ލަދުވެތިވަން،" ހުކުރު ދުވަހު އެ މައްސަލައިގައި މީޑިއާއަށް މައުލޫމާތު ދެމުން މޮރީނިއޯ ބުންޏެވެ.
ޕެރިސް މެޓްރޯ ޓްރެއިންއަށް އަރަން އުޅުނު މީހަކު ހުއްޓުވައި ޗެލްސީގެ ސަޕޯޓަރުންތަކެއް ކަމަށް ބެލެވޭ ބަޔަކު އެމީހާއާ ނަސްލީގޮތުން ދިމާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިދިޔަ ބުދަ ދުވަހު ވަނީ މީޑީއާގައި ދައުރުވާން ފަށައިފައެވެ. އެމީހާ ޓްރެއިނަށް އަރަން އުޅުމުން ޓްރެއިން ތެރޭގައި ތިބި ބަޔަކު އެމީހާ ޓްރެއިންއަށް އެރިޔަ ނުދިނުމަށް އޭނާގެ ގައިގައި އަތްއަޅައި ކޮއްޕާލާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި "އަހަރެމެންނަކީ ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ މީހުން، އެއީ އަހަރެމެން ބޭނުންވާ ގޮތަކީ،" އެމީހުން ގޮވަމުން ދިޔައެވެ.
"އަހަރެމެން އެކަމާ ވަރަށް ހިތާމަކުރަން،" ޗެލްސީގެ ޓްރެއިނިން ގްރައުންޑުގައި ހުރެ މޮރީނިއޯ ބުންޏެވެ. "އަހަރެމެން އަބަދުވެސް އެފަދަ ކަންތައްތަކާ ދެކޮޅަށް މަސައްކަތް ކުރަން. އަހަރެމެން އެކަމަށް ލަދުވެތިވަން، އަދި އެމީހާގެ ކިބައިން މާފަށް އެދެން."
ޗެލްސީގެ ތަރުޖަމާނު ސްޓީވް އެޓްކިންސް ވިދާޅުވީ، އަންނަ މަހު ޗެލްސީގެ އަމިއްލަ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގު ރިޓާން ލެގުގެ މެޗު ބަލައިލުމަށް "މެހެމާނެއްގެ ގޮތުގައި ސްޓެމްފޯޑް ބްރިޖަށް އައުމަށް ސުލެމާނޭއާ އޭނާގެ އާއިލާއަށް ދައުވަތުދެން،" ކަމަށެވެ.
ކްލަބުގެ ސަޕޯޓަރުންތަކެއް ކަމަށް ބެލެވޭ ބަޔަކު ނަސްލީގޮތުން މީހަކާ ދިމާކުރުމުގެ މައްސަ ޗެލްސީއިން ތަހުގީގު ކުރަމުންދާއިރު އެ ކްލަބުން ވަނީ، އެ މައްސަލައާ ގުޅުންހުރު ފަސްމީހަކު ހޯދައި އުމުރު ދުވަހަށް އެކްލަބުގެ ދަނޑަށް ނުވަދެވޭ ގޮތަށް ސަސްޕެންޑް ކޮށްފައެވެ.
ޗެލްސީގެ ސަޕޯޓަރުންތަކެއް ކަމަށް ބެލެވޭ ބަޔަކު ކަޅުނަސްލުގެ މީހަކާ ނަސްލީގޮތުން ދިމާކުރި މައްސަލަ ފީފާއާއި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީންވެސް ވަނީ ކުއްވެރިކޮށްފައެވެ.
ފީފާގެ ރައީސް ސެޕް ބްލެޓާ، ސުލެމާނޭއާ ދިމާކުރި މީހުން ސިފަކުރައްވާފައި ވަނީ "ދޭހަނުވާ ބައެއް"ގެ ގޮތުގައެވެ. ފީފާގެ ވީކްލީ މެގަޒިންގައި ބްލެޓާގެ ކޮލަމްގައި އޭނާ ވަނީ، އިޓަލީގެ ކުރީގެ ކޯޗު އެރިގޯ ސަޗީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެރިގޯއަށް ބްލެޓާ ފާޑުވިދާޅުވީ، އިޓަލީ ޓީމުގައި ކަޅު ނަސްލުގެ ޒުވާނުން މާ ގިނަކަމަށާއި އޭގެ ސަބަބުން އެ ޓީމަށް ނޭދެވޭ އަސަރުކޮށް، އިޓަލީ މީހުންގެ އަސްލާއި ނަސްލަށް ހުތުރުވާ ކަމަށްބުނެ ވާހަކަދައްކާފައިވާތީ އެވެ.