ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން އިންތިހާބުތަކުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެ އެވެ. އަދި އެ ވޯޓުތައް ވާން ވާނީ ސިއްރު ވޯޓުތަކަކަށް ކަމަށް ވެސް ހަމަ އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ. އެކަމަކު މީގެ ކުރިން ރިޔާސީ އިންތިހާބާއި ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިއްރު ވޯޓެއް ދިނުމުގެ ހައްގު އެންމެނަކަށް ލިބިފައެއް ނުވެ އެވެ.

ވޯޓު ފޮއްޓެއްގެ މައްސަލައެއް އުޅޭ ކަމަށް ބެލެވޭނެ ނަމަ ކެންޑިޑޭޓުންނާއި ނޫސްވެރިންގެ ކުރިމަތީގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެ ވޯޓުތައް އަޅާފައިވާ ސެކިއުރިޓީ އުރަ ކަނޑައި އަލުން ގުނަ އެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް އިލެކްޝަންސް އިން ވަނީ އެފަދަ ވޯޓުތަކެއް އަލުން ގުނައިފަ އެވެ.

ކަން ދިމާވި ގޮތުން އެރޭ އެންމެ ވޯޓެއް ވެސް ގުނަން ޖެހުނެވެ. އެއީ ދެކުނު އަތޮޅެއްގެ މީހަކު އެހެން ރަށެއްގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށް ލާފައިވާ ވޯޓެކެވެ. އެ މީހާގެ ދާއިރާއިން ވޯޓުލުމަށް އެ ރަށުގައި ރަޖިސްޓްރީކޮށްފައި ވަނީ އޭނާ އެކަންޏެވެ. އިލެކްޝަންސް އިން އެ ވޯޓު ސެކިއުރިޓީ އުރައިން ނަގާ އެއީ ކޮން ޖިންސެއްގެ މީހެއް ކަމާއި އެ މީހާ ވޯޓުލާފައިވާ ގޮތް ހާމަ ކުރި އެވެ.

އެއީ ކާކުތޯ ބެލުމަށް ސަން އޮންލައިނުން ކޮށްލަންޖެހުނީ ކުޑަ މަސައްކަތެކެވެ. އިލެކްޝަންސް ކޮމިޝަނުގެ ވެބް ސައިޓަށް ވަދެ އެ މީހާގެ ދާއިރާ ބަލައިލުމުން، އެ ދާއިރާއިން މައްސަލަ ޖެހުނު ވޯޓު ފޮއްޓަށް ވޯޓުލީ މީހާގެ ނަން ހާމަވި އެވެ. އެމީހާ ވޯޓުލީ ކޮން ގޮތަކަށްކަން ވެސް ކުރިން އޮތީ އެނގިފަ އެވެ. އެހެންކަމުން އޭނާގެ ވޯޓެއް މިފަހަރަކު ސިއްރެއް ނުވި އެވެ.

މިގޮތަށް ކިތަންމެ ބައެއްގެ ވޯޓުގެ ސިއްރުކަން ގެއްލިފައިވާނެ އެވެ. ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ވޯޓުގެ ސިއްރުކަން ގެއްލޭނީ ކިތައް މީހުންގެ ކަމެއް ނޭންގެ އެވެ. އެކަމަކު މިއީ މައްސަލައެކެވެ. އިލެކްޝަންސް ކޮމިޝަނުން ވިސްނައި މިކަން ދެން އަންނަ އިންތިހާބަކަށް ހައްލު ކުރަންޖެހެ އެވެ.