21 Feb 2015, 14:56
ހުސައިން ހަސަން އަދި އަހުމަދު ސާއިލް އަލީ
މަހުލޫފު ފިކުރު ބަދަލު ކުރި ވާހަކަ ތިލަވުމުން ހައިރާން ނުވާށެވެ. އޭނާ ހުރީ މާ ކުރިން ވެސް ފިކުރު ބަދަލުވެފަ އެވެ. ރިޔާސީ އިންތިހާބުގެ ވެސް ކުރިންނެވެ. ދަނޑިވަޅަށް ބަލަބަލާ ހުރި ޒުވާނާ މިހާރު މިސްރާބު ޖަހާފައި ވަނީ އެހެން ދިމާލަކަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މަހުލޫފު ޕީޕީއެމަކުން އަދި ވަތްކެއް ނުވެ އެވެ. ނަމަވެސް އޭނާ ހުރީ އެ ޕާޓީ ދޫކޮށްލަން ނިންމައިގެންނެވެ.
އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި އަންނަ ހުކުރު ދުވަހު އެމްޑީޕީ-ޖޭޕީ ބާއްވާ ބޮޑު އެއްވުމުގައި މަހުލޫފު ހުރި "ފަޅި" ކަށަވަރުވާނެ އެވެ. އޭނާ ހުރީ ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅޭ ވިސްނުމެއްގަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ފަށާފައިވާ ހަރަކާތަށް ތާއިދުކޮށް، އޭނާ ނުކުންނާނެ ކަމަށެވެ އެވެ.
މީޑިއާ އެންމެ ރައްޓެހި މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުރި މަހުލޫފަކީ ރިޔާސީ އިންތިހާބަށްފަހު އޭނާއަކީ މީޑިއާއަށް ބީރައްޓެސެކެވެ. އޭނާ މީޑިއާއަށް ފިލައިގެން އުޅޭ ސަބަބު ސާފެއް ނޫނެވެ. އެނގޭހާ ވެސް ކަމަކީ އޭނާގެ ފަރާތުން އެކަންތައް ފެންނަން ފެށީ ޕީޕީއެމްގެ ސްޕޯކްސްޕާސަންގެ މަގާމުން ފެއަށް ޖެހުނު ހިސާބުންނެވެ. އެއާއެކު ސިޔާސީ ޕޯޑިއަމުން ވެސް މަހުލޫފު ގެއްލިއްޖެ އެވެ.
އޭގެ ފަހުން އޭނާއަކީ "ފެނިގެއްލޭ" މެމްބަރެކެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި މަހުލޫފު އެމްޑީޕީއާ ގުޅޭ ވާހަކަތައް ފެންމަތިވުމާއެކު ވެސް އޭނާ ގެއްލުނެވެ. އޭނާއަށް މިވާގޮތަށް މީޑިއާއަށް ތިލައެއް ނުވެ އެވެ. އެ ޕާޓީގެ މަސްދަރުތަކުން ތުހުމަތު ކުރާ ގޮތުގައި މަހުލޫފު ބޭނުންވާ ކަންތައްތައް ވުމުން، "މައިތިރި" ވަނީ އެވެ. އަދި ކަމެއް ކުރަން ބޭނުންވުމުން ފިކުރު ބަދަލު ކުރާ ވާހަކަ ފެންމަތި ކުރަނީ އެވެ.

އެކަންތައްތަކާ ގުޅޭ ގޮތުން މީގެ ކުރިން ވެސް "ސަން"އަށް ސުވާލު ކުރުމުން މަހުލޫފު ބުނެފައި ވަނީ "އެ ވާހަކަ ފަހުން ކިޔައިދޭނެ" ކަމަށެވެ. އޭނާ އެ ބުނާ ދަނޑިވަޅު ކައިރިވަނީ އެވެ.
އޭނާ ޖޭޕީއާ ގުޅެން އުޅޭ ވާހަކަތަކާ ގުޅިގެން މަހުލޫފުގެ ކޮންމެޓެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ. ނަމަވެސް އާއިލާގެ ފަރާތުން އެނގިފައިވާ ގޮތުގައި މަހުލޫފު މިހާރު އުޅުއްވަނީ "ވަރުގަދަ ފްރަސްޓްރޭޝަނެއް"ގަ އެވެ. އެކަން މެދުވެރި ކުރުވީ ޕާޓީގެ ތެރެއިން ކަމަށްވެ އެވެ.

ޕީޕީއެމް ދޫކޮށް މަހުލޫފު ހިނގައްޖެނަމަ އެ ޕާޓީގެ ސަޕޯޓަރުންނަށް މޮޅިވެރިވާނެ ހެއްޔެވެ؟ ޕާޓީގެ އެތެރޭގެ ގުޅުމަށް ކިލަބުކަމެއް މެދުވެރިކޮށްފާނެ ހެއްޔެވެ؟
މަހުލޫފަކީ ޕީޕީއެމް އުފެއްދުމުގައި އިސްކޮށް އުޅުނު އެންމެ ޒުވާން މަޖިލިސް މެމްބަރެކެވެ. ޑީއާރްޕީ އެތެރޭގެ ކޯޅުން ބޮޑުވެ، ފަޅައިގެން ދިޔަ ހަނގުރާމަ ކާމިޔާބު ނުވާނެ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރީ ވެސް މަހުލޫފެވެ. ހަތިޔާރު ބަހައްޓައި މިސްރާބު ބަދަލު ކުރަން މީޑިއާގައި އެންމެ ފުރަތަމަ ގޮވާލީ ވެސް އޭނާ އެވެ. ފެކްޝަނެއްގެ ގޮތުގައި އޮވެ، 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް އޭނާ ބުންޏެވެ. އާ ޕާޓީއެއް އުފައްދަން އޭނާ ގޮވާލި އެވެ. އޭނާގެ އެ ވިސްނުން މީޑިއާއަށް ތިލަވިތާ މާ ގިނަދުވަހެއް ނުވެ ރައީސް މައުމޫން އައު ޕާޓީއެއް އުފައްދަން ނިންމެވިކަން ހާމަ ކުރެއްވި އެވެ.

މިއަދު ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ލޯގޯއަކީ ވެސް މަހުލޫފުގެ ހުށަހެޅުމެކެވެ. ރުކަކާއި ހަނދުފަޅިއެއް ހިމެނޭ ގޮތަށް ކުރަހާފައިވާ އެ ލޯގޯ ސޯޝަލް މީޑިއާގައި ޕްރޮމޯޓްކޮށް، އެންމެ ފަހުން ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގައި އެއީ ޕާޓީގެ ރަމްޒުކަމުގައި މަހުލޫފު ހެދި އެވެ.
މަހުލޫފު ސިޔާސީ މައިދާނަށް ނެރުއްވީ ރައީސް މައުމޫނެވެ. ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ރައީސް މައުމޫން އޭނާ އައްޔަން ކުރި ހިސާބުންނެވެ.

ޕީޕީއެމް އުފެދިގެން އައިއިރު އެ ޕާޓީގެ ތާޅަފިއްޔެއްގެ ގޮތުގައި ހުންނެވި މަހުލޫފު އެ ޕާޓީގެ ހަރަކާތްތަކުން ފަހަކަށް އައިސް ނުފެންނަ ސަބަބާ ގުޅޭ ގޮތުން އެ ޕާޓީން ބައެއް ބޭފުޅުން ވިދާޅުވީ މަހުލޫފު ޕީޕީއެމްގެ ހަރަކާތްތަކުގައި ގަސްތުގައި ބައިވެރިނުވަނީ ކަމަށެވެ. އަދި އެކަމާ ޕާޓީގެ ސަޕޯޓަރުން ސުވާލުތައް ކުރިމަތި ކުރާ ކަމަށާއި ނަމަވެސް "ކަމެއްގައި މީހަކު ބައިވެރިނުވާން ހުރިނަމަ، ގަދަކަމުން އެކަމެއް ނުކުރެވޭނެ" ކަމަށް އެ ޕާޓީގެ އޮފީހުގައި މަސައްކަތް ކުރާ އިސް ބޭފުޅަކު ވިދާޅުވި އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ޕީޕީއެމުން ވަކިވުމާ ގުޅޭ ގޮތުން މަހްލޫފު ވަނީ ދާދި ފަހުން އެޕާޓީގެ އިސް ބައެއް ބޭފުޅުންނާ މަޝްވަރާ ކުރައްވާފައެވެ.
މަހުލޫފު އިދިކޮޅު ފަރާތްތަކާ ގުޅެން ނިންމި ސަބަބާ ގުޅޭ ގޮތުން އޭނާގެ ގާތް މަޖިލިސް މެމްބަރަކު ވިދާޅުވީ "އޭނާގެ މަސައްކަތް ޕާޓީން އަގުވަޒަން ނުކުރާ" ކަމަށެވެ. އަދި އޭނާގެ ހިޔާލުތަކަށް ޕާޓީގެ އިސް ވެރިން ބީރުކަންފަތެއް ދެމުންދާތީ އޭނާ ހުރީ "ކެތްތެރިކަން ކޮޅުންލައިގެން ޕާޓީ ދޫކުރަން" ތައްޔާރަށް ކަމަށެވެ.
