މި އަހަރުގެ ތެރޭގައި ރާއްޖޭގެ ގިނަ މިސްކިތްތަކަށް ބޭނުންވާ ސާމާނުތައް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ދިނުމަށް ނިންމައިފިއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފު މިއަދު "ސަން " އަށް ވިދާޅުވީ އެ ޖަމިއްޔާއިން "ކޯޕަރޭޓު ރެސްޕޮންސްބިލިޓީ" ގެ ޕްރޮގުރާމްގެ ތެރެއިން މިސްކިތްތަކަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެ ޖަމިއްޔާއިން ފަށައިގެން އުޅޭ ޕްރޮގުރާމަކީ މުޅި އަހަރަށް ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށާއި އެހެން ނަމަވެސް ރޯދަމަސް ފެށުމުގެ ކުރިން މިސްކިތްތަކުގައި ކުރަންޖެހޭ މަސައްކަތް ނިންމާލެވޭތޯ ބަލާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ޕްރޮގުރާމުގައި ހަމައެކަނި ތަކެތި ހަދިޔާ ކުރުމެއް ނޫން މިއޮންނަނީ އެއް. މިސާލަކަށް ފަންކާ ފަދަ ތަކެތި ހަދިޔާ ކޮށްދީ އަދި އެ އެއްޗެއްހި ހަރު ވެސް އެބަ ކޮށްދެން. ދެން މި ބަލަނީ މި މަސައްކަތްތައް ރޯދަ މަހުގެ ކުރިން ނިންމާލެވޭތޯ." އާސިފް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން މި އަހަރުގެ ތެރޭގައި މިސްކިތްތަކަށް ބޭނުންވާ ފަންކާއާއި ސައުންޑު ސިސްޓަމްއާއި ބޮކީގެ އިތުރުން އަޑުގަދަ ކުރާ ފަދަ ތަކެތި ހަދިޔާ ކުރައްވާނެ ކަމަށެވެ.

މިއަހަރުގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން މިސްކިތްތަކަށް ބައެއް ސާމާނުތައް ހަދިޔާ ކުރައްވާއިރު އެ ޖަމިއްޔާއިން ވަނީ ހުކުރު މިސްކިތުގެ ގޯތިތެރެއަށް މުޅިން އާ ވެލިލާ އެތަން ޒީނަތްތެރި ކޮށްފައެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ވިޔަފާރިވެރިންގެ ޖަމިއްޔާއިގެ އިސް ބޭފުޅުން މިދިޔަ ހަފްތާގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކޮށް ބައެއް ކަންކަމުގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން މިސްކިތްތަކަށް ބައެއް ސާމާނުތައް ހަދިޔާ ކުރުމަށް ނިންމާފައިވާއިރު މި މަހުގެ ތެރޭގައި 22 މިސްކިތެއް ބިޑަށްލާން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ޝަހީމް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، ބިޑަށް ލުމަށް ނިންމާފައިވާ 22 މިސްކިތުގެ ތެރެއިން 10 މިސްކިތަކީ ސައުދީ ރަސްގެފާނުގެ އަމިއްލަފުޅު ހަރަދުގައި ބިނާ ކުރައްވާ 10 މިސްކިތް ކަމަށެވެ. އަދި ބާކީ ހުރި މިސްކިތްތައް ބިނާ ކުރާނީ ސަރުކާރުން ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.